ޚަބަރު

ފައިނަލުގެ ފުރަތަމަ ޖާގަ މަދޮށްޓަށް


  • ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ މިއަދު ކުޅޭ ކާނި އަދި ހެލެނބެލީގެ މެޗަށްފަހު

  • ފައިނަލް މެޗު ކުޅޭނީ 20 ވަނަ ދުވަހު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މަދޮށިން ކަށަވަރުކޮށްފިއެވެ.

މަދޮށިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީގައި އެއް ގޯލުގެ ތަފާތުން ފުނަ ބަލިކޮށްގެންނެވެ.

20 އޯވަރަށް ކުޅެމުންދާ މިމުބާރާތުގެ އިއްޔެގެ މެޗް މޫސުން ގޯސްވުމުގެ ސަބަބުން 8 އޯވަރަށް ކުޅެފައިވާއިރު، މިމެޗު ފާހަގަކުރެވުނީ ފޯރި ގަދަ މެޗެއްގެ ގޮތުގައެވެ. މެޗުގެ ގުރު ދިމާވެގެން މަދޮށިން އުކަން އެރިއިރު، ފުނައިން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 64 ލަނޑެވެ. މިމެޗުގައި ފުނައިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 25 ބޯޅައިން 32 ލަނޑު ހެދި ކަތުމް ޝިފާޒް އަލީއެވެ.

ޖަވާބުގައި މަދޮށިން ކުޅެން އަރާ، 7.5 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 65 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 16 ލަނޑު ހެދި މުހަންމަދު ޖޫދް އަހްމަދު މަންސޫރްއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަދޮށީގެ ޔޫސުފް ޖައިދާން އަހްމަދު މަންސޫރްއެވެ. އޭނާވަނީ ފަހުވަގުތު 4 ބޯޅައިން 9 ލަނޑު ހަދާ ޓީމު ފައިނަލަށް ގެންގޮސްދީފައެވެ.

16 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގެ ސެމީގެ ފަހު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ވާދަކުރާނީ ކާނި އަދި ހެލެނބެއްޔެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ގައުމީ ޖޫނިއާ ޓީ 20 މުބާރާތުގެ ކުޅުން ކުރިއަށްދަނީ މެންދުރުފަހު 01:30 އިން 05:00 އަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.