ޚަބަރު

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ


  • ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ

  • އޭނާ ނިޔާވީ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަމަށެވެ. މަހުދީގެ ޖަނާޒާ މިރޭ 10 ޖަހާއިރު އޮންނައިރު މައްޔިތާއަށް ޒިޔާރަތްކުރުން މިރޭ 7އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ޙާދިސާއާގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓާފައެވެ.

ގެއްލުނު ޑައިވަރުން ހޯދުމަށްޓަކާ ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ.

ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ފުރާނަ ނުރައްކަލަށް ހުށަހަޅަންޖެހުނު ނަމަވެސް އެންމެ އިސް ސަފުުގައި ހަރަކާާތްތެރިވާ މީހުންނެވެ. އެގޮތުން، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމާއި އަލިފާނުގެ ކާރިސާތަކާއި ބޮޑެތި ބަލިތަކުގައިވެސް ދިވެހި ސިފައިން އެންމެ އިސް ސަފުގައި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ތިބޭކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިހާރު ހިންގަމުންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނަކީވެސް ހައި ރިސްކު އޮޕަރޭޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޮޕަރޭޝަނެކެވެ.