ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ދެވަނަ ދުވަހުގެ މެޗުތައް އެންމެ ފަހުގެ ޗެންޕިއަން ކްލަބް މެޓްރިކްސް، ޔޫތް ޔުނައިޓެޑް އެސްސީ، އެން ސްޕޯޓްސް އެކެޑެމީ އަދި އެސްސީ ޝައިނިން ސްޓާ ކާމިޔާބުކޮށްފިއެވެ.
މާފަންނު ސިންތެޓިކް ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި އިއްޔެ ކުޅެފައިވަނީ ގްރޫޕް ބީ، ސީ އަދި ޑީގެ މެޗުތައްކަމަށްވާއިރު، ފުރަތަމަ މެޗު ކްލަބް މެޓްރިކްސް ކާމިޔާބުކުރީ 70-04 އިން ފަސޭހަކަމާއެކު ބްލެކް ޕެންތާސް އެސްސީ ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖީއޭ އާއިޝަތު ސަލީމާއެވެ.
ދެވަނަ މެޗުގައި ޔޫތް ޔުނައިޓެޑް އެސްސީއިން 25-17 އިން ޒެނިތް އެސްސީ ބަލިކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީޑީ މަރްޔަމް އާޔާ ބިންތް ޝުޖާއު އަހްމަދުއެވެ.
ތިންވަނަ މެޗުގައި އެން ސްޕޯޓްސް އެކަޑެމީ އަދި ޔުނައިޓެޑް ޔުނިޓީ އެސްސީ ވާދަކުރި މެޗު 36-06 އިން ފަސޭހަކަމާއެކު އެން ސްޕޯޓްސް އެކެޑެމީއިންވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖީޑީ މަރްޔަމް އުޔޫން އިޤްބާލްއެވެ.
އިއްޔެގެ ފަހު މެޗުގައި އެސްސީ ޝައިނިން ސްޓާއިންވަނީ 41-14 އިން ކްލަބް އެން ސްޕޯޓްސް ބަލިކޮށް މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްސީ ޝައިނިން ސްޓާގެ ޖީޑީ އާއިޝަތު މަލަކް އަލީއެވެ.
ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި މިއަދުވެސް ގްރޫޕް އޭ އަދި ގްރޫޕް ބީ ގެ ހަތަރު މެޗު ކުޅުމަށްވަނީ ތާވަލުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އާޖީލަކަށް އަދި އެމްވީ ނެޓާސް ވާދަކުރާއިރު، ދެވަނަ މެޗުގައި އެސްސީ ސްކައިލާކް ނުކުންނާނީ ކޭވައިއާރްސީއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި އިންވިކްޓޯ އެސްސީ އަދި ބްލެކް ޕެންތާސް އެސްސީ ވާދަކުރާއިރު، ފަހު މެޗުގައި ވާދަކުރާނީ ފިއޯންތީ އެސްސީ އަދި ކްލަބް މެޓްރިކްސްއެވެ.
މިމުބާރާތުގެ ގްރޫޕް އޭ ގައި ވާދަކުރަނީ އާޖީލަކަށް، އެސްސީ ސްކައިލާކް، އެމްވީ ނެޓާސް އަދި ކޭވައިއާރްސީއެވެ. ގްރޫޕް ބީ ގައި އިންވިކްޓޯ އެސްސީ، ފިއޯންތީ އެސްސީ، ބްލެކް ޕެންތާސް އެސްސީ އަދި ކްލަބް މެޓްރިކްސްއެވެ. އަދި ގްރޫޕް ސީ ގައި ޒެނިތް އެސްސީ، ޔޫތް ޔުނައިޓެޑް އެސްސީ، އެން ސްޕޯޓްސް އެކެޑެމީ އަދި ޔުނައިޓެޑް ޔުނިޓީ އެސްސީ ވާދަކުރާއިރު ގްރޫޕް ޑީ ގައި ހިމެނެނީ ކްލަބް އެން ސްޕޯޓްސް، އެސްސީ ޝައިނިން ސްޓާރ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.
މިމުބާރާތުގައި ކޮންމެ ދުވަހަކު ތިން މެޗު ނުވަތަ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗު ހަވީރު 05:15 ގައި ކުޅޭއިރު ދެވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ ރޭގަނޑު 08:30 ގައެވެ. އަދި ތިންވަނަ މެޗު 09:45 ގައި ކުޅޭއިރު ހަތަރު ވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ 10:00 ގައެވެ.
25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 18 އާއި ހަމައަށެވެ. އަދި 19 ވަނަ ދުވަހަށް ކުއާޓާގެ މެޗުތައް ތާވަލުކޮށްފަވާއިރު ފައިނަލުގެ ޖާގަ ކަށަވަރުވާނީ 20 ވަނަ ދުވަހު ކުޅޭ ސެމީ މެޗުތަކަށްފަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ކުޅުން މިމަހުގެ 13 އިން 21 އަށް ކުރިއަށްދާއިރު، 13 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް މުބާރާތުގެ ކުޅުން ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ކޯޓުގައެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް މެޗުތަކުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.