ޚަބަރު

ހުރާ އަދި ދިއްދޫ ޕްލޭއޮފް ބުރާ ގާތަށް


  • ހުރައިން ދ.މީދޫގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއިން

  • ދިއްދޫއިން މަނަދޫގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއިން

އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމުތަކެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ލީގުތަކުގައި އިއްޔެ ހުރާ އަދި ދިއްދޫ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޕްލޭއޮފް ބުރާ ގާތަށް ޖެހިލައިފިއެވެ.

ނޯތު ލީގުގައި އިއްޔެ ކުޅުނު މެޗު، މަނަދޫއާ ވާދަކޮށް ދިއްދޫއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. އަދި ސެންޓްރަލް ލީގުގައި ހުރައިން ދ.މީދޫގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ.

ނޯތު ލީގު މެޗުގައި ދިއްދޫ ޓީމުން ވަނީ ފުރަތަމަ ހާފުގައި 2 ގޯލު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައި ކަމުގައިވީނަމަވެސް، ދެވަނަ ހާފުގައި ހާއްސަކޮށް މަނަދޫ ޓީމުން ވަނީ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ދިއްދޫ ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބުކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ދިއްދޫ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިނަތީޖާއާއެކު، ދިއްދޫ ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް، އެޓީމުން މިވަނީ ޕްލޭއޮފް ބުރާ އިތުރަށް ގާތަށް ޖެހިލާފައެވެ. މުބާރާތުގައި މިހާތަނަށް މަނަދޫއަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، ހަނިމާދޫއާއި އޭދަފުއްޓަށްވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ.

ސެންޓްރަލް ލީގުގައި އިއްޔެ ކުޅުނު މެޗުގައި ހުރައިން ލީޑު ނަގާފައި ވަނީ މެޗުގެ 53 ވަނަ މިނެޓުގައެވެ. ހުރާގެ ގޯލު ކާމިޔާބުކުރެވުނު ހިސާބުން ދެޓީމުގެ ފަރާތުންވެސް ހަލުވި، އެޓޭކިންގ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އިތުރު ގޯލެއް ފެނިފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައެވެ.

މިނަތީޖާއާއެކު، ހުރައިން މިވަނީ ލީގު ތައާވަލުގައި މީދޫގެ މައްޗަށް އެއް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ސެންޓްރަލް ލީގުގައި ދެން ހިމެނެނީ 4 ޕޮއިންޓާއެކު 3ވަނައިގައި އޮތް އދ.މަހިބަދޫ އަދި 2 ޕޮއިންޓާއެކު ފުލުގައި އޮތް ދ.ކުޑަހުވަދޫއެވެ.