ސިޔާސީ

މަޝްވަރާގައި ބައިވެރިވެވޭނީ ކައުންސިލުން ކަނޑައަޅާ މެންބަރުންނަށް


ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވެވަޑައިގަންނަވަންވާނީ އެ ޕާޓީތަކުގެ ކައުންސިލުން ފާސްކުރާ މެމްބަރުންކަމަށް މި ވާހަކަތަކުގައި ސަރުކާރުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުން މަސައްކަތްކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕާޓީ ކައުންސިލުން ފާސްކުރާ މެމްބަރުންނާއެކު ނޫނީ މަޝްވަރާ ނުކުރައްވާނެކަމަށް ޑރ. ޝައިނީ ވިދާޅުވެފައި މިވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ފޮނުވައިދިނުމަށް ރައީސް އޮފީހުން ޕާޓީތަކަށް އެންގެވި އެންގެވުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުގެ އެ ނިންމުމަށް ރައްދު ދެމުން އިދިކޮޅު ޢަދާލަތު ޕާޓީން ވަނީ އެއްބަސްވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކޮށް، ޝަރުތުތަށް ކުރިމަތިނުކުރުމަށް ގޮވާލާފައެވެ. ސަރުކާރު ހިންގަވާ ޕީޕީއެމުން ބުނެފައިވަނީ ކައުންސިލް ބައްދަލުވުން ބޭއްވެން ނެތްކަމަށާއި މަޝްވަރާތަކުގައި ބައިވެރިވާނީ ޕާޓީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ކަނޑައަޅުއްވާ ބޭފުޅުންކަމަށެވެ.

ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްދައުރެއް އަދާކުރައްވާ ޑރ.ޝައިނީ ވިދާޅުވީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ މެމްބަރުންނާއެކު ނޫނީ މަޝްވަރާ ނުކުރައްވަން ނިންމެވުން އެއީ ޝަރުތެއް ނޫންކަމަށާއި އެއީ އިދާރީ ގޮތުން ކަނޑައެޅުއްވި އުޞޫލެއްކަމަށެވެ. އަދި އެ އުޞޫލް ކަނޑައެޅުއްވީ އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައިވެސް ކަންހިނގައިދިޔަ ގޮތަށް ބައްލަވައި ނަތީޖާ ގޯސްވެގެންދިޔަ ނުދެއްވުމަށްޓަކައި ކަމަށެވެ.

ޑރ.ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީއެއް ނުވަތަ ސަރުކާރު ހިންގަވާ ޕާޓީއެއް ތަފާތު ކުރެއްވުމެއް ނުގެންގުޅުއްވާނެކަމަށެވެ. އެހެންކަމުން ޕީޕީއެމުންވެސް މިހާރު ފޮނުއްވާފައިވާ ނަންތަކުގެ ބަދަލުގައި ޕާޓީ ކައުންސިލުން ފާސްކޮށްގެން ނަންތަކެއް ފޮނުވުމަށް ޑރ.ޝައިނީ ގޮއްވާލެއްވިއެވެ.

ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތައް މިމަހުގެ ތެރޭގައި ފެއްޓެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.