ވިޔަފާރި

މަސް ބަންދުކުރާ 4 ކާރުޚާނާ ހެދުމަށް ސަޢޫދީން އެހީދޭން ނިންމައިފި


ހަތަރު މައިކްރޯ ކޭނަރީ ފެކްޓްރީ އެޅުމަށް އެހީދޭން ސަޢޫދީ ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ސަޢޫދީޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަންކަމާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް މަސްވެރިކަން ރަނގަޅު 4 ސަރަޙައްދެއްގައި، މައިކްރޯ ކޭނަރީ ފެކްޓްރީ އެޅުމަށް ސަޢޫދީ ސަރުކާރުން އެހީތެރިކަން ދޭން ނިންމަވާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މައިކްރޯ ކޭނަރީ ފެކްޓްރީތަކެއް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯއްދަވައިދެއްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅު ސަރަޙައްދުތަކުގައި މައިކްރޯ ކޭނަރީ ފެކްޓްރީތަކެއް ބެހެއްޓުމުން މަސް ކަލެކްޓްކުރުމުގައި ނުވަތަ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދުމަށް އެކި ތަންތަނަށް ދިޔުމަށް ކުރާ ދަތުރުގެ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފްކޯ މިހާރަށްވުރެ ބޮޑަށް ރަނގަޅުކޮށް މަސްވެރިން ބޭނުންވާ ގޮތަށް އޮންނަ ކުންފުންޏަކަށް ހެއްދެވުމަށްޓަކައި މަސައްކަތްތަކެއް ފަށްޓަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.