ވިޔަފާރި

"ކާޑުގެ ބާވަތްތައް އަދިވެސް އެންމެ އަގުހެވީ ރާއްޖޭގައި"


ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޫކުރައްވާ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލުތަކާއެކުވެސް، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކާޑުގެ ބާވަތްތައް އެންމެ އަގުހެޔޮކޮށް ވިއްކަމުންދަނީ ރާއްޖޭގައި ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ބުނެފިއެވެ.

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ހަނޑުލާއި، ހަކުރާއި، ފުށް ހެޔޮއަގެއްގައި ފޯރުވައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ފަރާތަކީ ސަރުކާރުގެ ވިޔަފާރީގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއެވެ. އެކުންފުނިން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްނުވާނެހެން، އެތަކެތި ރާއްޖެއެތެރެކޮށް، ގުދަންކުރުމާއި، އެތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އަދި ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑުލާއި، ހަކުރާއި، ފުށް، ހެޔޮއަގެއްގައި ރައްޔިތުންނަށް ފޯރުވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ބޮޑު ސަބްސިޑީއެއް ދެއްވައިގެން އެސް.ޓީ.އޯ މެދުވެރިކުރައްވާ މިބަވާތްތައް ކޮންޓްރޯލް އަގެއްގައި ވިއްކަވަމުންނެވެ.

އެހެންނަމަވެސް ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީގެ ފައިދާ އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ނުލިބޭތީ ސަބްސިޑީ ދެއްވުމުގެ އުޞޫލަށް ސަރުކާރުން ދާދިފަހުން މިވަނީ ބަދަލުގެންނަވާފައެވެ. އަދި މިބަދަލާއެކު ބާޒާރުގައި މިތަކެތި ވިއްކާ އަގުތަކަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން މީގެކުރިން 3.98ރ ލިބެންހުރި ހަނޑޫ ކިލޯއެއް މިހާރު ވިއްކަމުންދަނީ 7.96ރ އަށެވެ. ފުށް ކިލޯއެއް އަގު ވަނީ 2.98ރ އިން 5.96ރ އަށް ބޮޑުވެފައެވެ. އަދި 4 ރުފިޔާއަށް ވިއްކަވަމުން އައި ހަކުރު ކިލޯއެއްގެ އަގު 8 ރުފިޔާއަށް ވަނީ އުފުލިފައެވެ.

ޓީ.ވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ ޖެނެރަލް މެނޭޖަރ ސޭލްސް، ރަމްޒީ ޢަބޫބަކުރު ވިދާޅުވީ، އެސް.ޓީ.އޯގެ މެންޑޭޓުގެ ތެރޭގައިވެސް ހިމެނޭ އެންމެ މުހިއްމުކަމަކީ ވިހާވެސް އަގުހެޔޮކޮށް ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކުރުންކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމުގައި އެކުންފުނިން އަބަދުވެސް ޚާއްސަ ބެލުންތަކަކާއި، މިންގަނޑުތަކެއް ގެންގުޅޭކަމަށެވެ. 

ރާއްޖެއާއި އަވައްޓެރި އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ޤައުމުތަކަކީ، ކާޑުގެ ބާވަތްތައް އަމިއްލައަށް އުފައްދައިގެން ބޭނުން ކުރާ ޤައުމުތަކަށްވެފައި، ރާއްޖެއަކީ އެތަކެތި އިމްޕޯޓްކޮށްގެން ވިއްކާ ޤައުމެއްކަން ފާހަގަކުރައްވަމުން، ރަމްޒީ ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގެ ޤައުމުތަކާއި އަޅާކިޔާނަމަ، ގޭބިސީތަކުގައި ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކާޑުގެ ބާވަތްތައް ލިބެންހުރީ ރާއްޖޭގައިކަމަށެވެ. އަދި ސަބްސިޑީއަށް މިގެނެވުނު ބަދަލާއެކުވެސް، ކާޑުގެ ބާވަތްތައް މިސަރަޙައްދުގައި އެންމެ އަގުހެޔޮކޮށް ލިބެންހުރީ ރާއްޖޭގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް ކާޑުގެ ބާވަތްތައް މި އެތެރެކުރެވެނީ ލަންކާއާއި، އިންޑިއާ ފަދަ ޤައުމުތަކުން. ބައެއް ފަހަރުން އެއަށްވުރެއް ދުރުންވެސް އެބަ އެތެރެކުރަން. އެކަމަކު އަޅުގަނޑުމެން ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ ރާއްޖޭގައި މިވަގުތު ކާޑުގެ ބާވަތްތައް ލިބެން ހުރި އަގުތަކަކީ މި 2 ޤައުމާ އަޅާކިޔާއިރުވެސް އަޅުގަނޑުމެން ގެންގުޅޭ ސްޓޭންޑެޑްގެ ކާޑުގެ ބާވަތްތައް ލިބެންހުރި އެންމެ ހެޔޮއަގުކަން. އަދި އަޅުގަނޑުމެންނަށް އަބަދުވެސް ބޭރު ފަަރާތްތަކުން ތަޢުރީފުކޮށް ވާހަކަދައްކާ އަދި ތިޔަވުރެއް މަތިވިޔަސް ނުވަތަ ޑަބަލްވިކަމުގައިވިޔަސް ތިމަންނަމެންނަވުރެއް ރާއްޖޭގެ އަގުތައް ހެޔޮވާނޭ" ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރަމްޒީ ވިދާޅުވިއެވެ.

ރަމްޒީ ވިދާޅުވީ، ކާޑުގެ އަގުތަކަށް ގެނެވުނު ބަދަލާގުޅިގެން އެތަކެތީގެ ޑިމާންޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވާކަމަށެވެ. ނަމަވެސް އެސް.ޓީ.އޯއިން ރާއްޖެ އެތެރެކުރާ ކާޑުގެ ނިސްބަތް އެއްވެސް ހާލެއްގައި ކޮންޓްރޯލްކުރުމަށް ނުވަތަ މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ. އަދި ކާޑުގެ ބާވަތްތައް މިހާރަށްވުރެއްވެސް އަގުހެޔޮކޮށް ލިބޭނެ ފުރުޞަތުތައް ބަލާ، އެކަމުގެ ދިރާސާތައް ކުރަމުންދާކަމަށާއި، އެ މަޢުލޫމާތުތައް ދަޢުލަތުގެ ކަމާގުޅުން ހުރި ވުޒާރާތަކާއި ހިއްސާކުރައްވަމުން ގެންދަވާކަމަށްވެސް ރަމްޒީ ވިދާޅުވިއެވެ.

"ކާޑު އެތެރެކުރުމުގައި ގެންގުޅޭނެ އެންމެ ހަރަދުކުޑަ މެކޭނިޒަމަކަށް އަޅުގަނޑުމެންދާނީ އަބަދުވެސް.. މިހާރު އަޅުގަނޑުމެން މިކަމަށް އިތުރު ބާރެއްލާފައި މި މަސައްކަތް ކުރަނީ އެންމެ އަވަހަށް ދެން އަޅުގަނޑުމެން އިޢުލާންކުރަން ހުރި ޓެންޑަރތަކުގައި ކިހިނެއްތޯ އަޅުގަނޑުމެންނަށް އަގުހެޔޮކުރެވެން ހުރީ، ކިހާ ޕަސެންޓޭޖަކުންތޯ އަޅުގަނޑުމެންނަށް އަގުހެޔޮކުރެވޭނީ، އެ މަސައްކަތް މިހާރު ކުރަމުން މިދަނީ.. އަދި އަޅުގަނޑުމެންނަށް މިލިބޭ މަޢުލޫމާތުތައް ކަމާބެހޭ ވުޒާރާތައް މިދަނީ ހިއްސާކުރަމުން" ރަމްޒީ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެސް.ޓީ.އޯއިން ކަނޑައަޅާފައިވާ އޭޖެންޓުން މެދުވެރިކޮށް، ކާޑުގެ ސަބްސިޑީއަށް ގެނެވުނު ބަދަލާއި ގުޅިގެން، ވިޔަފާރިވެރިންނަށާއި، ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެކުންފުނިން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކާޑުގެ ބާވަތްތައް އެސް.ޓީ.އޯ މެދުވެރިކޮށް ގަނޑުކޮށް ގަންނަ ފަރާތްތަކަށް އެކުންފުނިން ދޫކުރާ ކްރެޑިޓް ލިމިޓްވެސް އެކަށީގެންވާ މިންވަރަކަށް އިތުރުކޮށްދިނުމަށް އެސް.ޓީ.އޯއިން ވަނީ ނިންމާފައެވެ. ހަމައެހެންމެ ކާޑުގެ ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދިހުށައަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމުގެ އިންތިޒާމް އެސް.ޓީ.އޯގެ ހުރިހާ އައުޓްލެޓްތަކުގައި އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.