ޚަބަރު

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ފޯރުވައިދިނުން މުހިންމު


ޒިންމާދާރު ރައްޔިތުން ބިނާކުރުމައްޓަކައި އަތޮޅުތަކުގައި ކުރިއަށް ގެންދަވާ މަސައްކަތު ބައްދަލުވުންތަށް ރައްޔިތުންނާއި ވީހާވެސް ކައިރިން ބޭއްވުމަކީ ނުހަނު މުހިންމުކަމެއްކަމަށާއި، ކުރިއަށް ހުރި ބައްދަލުވުންތަށް އެގޮތަށް ބައްޓަންކުރައްވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު މިހެން ވިދާޅުވީ، މުލަކަތޮޅުގައި ބޭއްވި ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ހަތްވަނަ މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސިލްސިލާކޮށް ކުރިއަށްގެންދަވާ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ހަތްވަނަ ބުރު ބާއްވަވާފައިވަނީ، މުލަކަތޮޅުގެ ވެރިކަންކުރާރަށް މުލީގައެވެ.

މިއީ ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާއަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުމާއި، ޖަމާއަތްތަކުގެ ހަރަކާތްތަކަށް ޝައުގުވެރި ކުރުވުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަގުސަދުގައި ކުރިއަށްގެންދަވާ މަސަކަތު ބައްދަލުވުންތަކެކެވެ.

މިމަސައްކަތު ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން މުލަކަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމައްފަހު، ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ޒިންމާދާރު ރައްޔިތަކު ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ، މިހާރަށްވުރެވެސް ބޮޑަށް ކުރިއަށް އޮތްތަނުގައި ބޭއްވޭ މިފަދަ މަސައްކަތުބައްދަލުވުންތަކުގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަޢުލޫމާތު ފޯރުވައިދީ ހެދުމަކީ މުހިންމުކަމެއްކަމަށެވެ.

މިމަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ބައިވެރިންނަށް ޚާއްސަ ސެޝަންތަކެއްވެސް ނަންގަވައިދެއްވި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ހިންނާ ޚާލިދު ވިދާޅުވީ، ބައްދަލުވުމުގެ ބައިވެރިންނަށް ފެސިލިޓޭޓަރުން ދެއްވި މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް އެފަރާތްތަކުން ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މިއީ ކާމިޔާބު މަސަކަތު ބައްދަލުވުމެއްކަމަށް ހިންނާ ވިދާޅުވިއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރެއްވުމުގެ މަޤުޞަދުގައި މ.އަތޮޅުގައި ބޭއްވުނު މަސަކަތުބައްދަލުވުމުގައި ބައިވެރިވި އެއަތޮޅުގެ ރަށްރަށުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ނިސްބަތްވާ މަންދޫބުން ބުނީ، ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި އެފަރާތްތަކުގެ ދައުރާގުޅޭ ފުރިހަމަ މަޢުލޫމާތު ލިބުނުކަމަށާއި، މިއީ ރަނގަޅު މުޖުތަމައެއް ބިނާކުރަން ވަރަށް އެކަށީގެންވާ ބައިތަކެއް ހިމަނައިގެން ބޭއްވުނު މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި މުލަކަތޮޅުގެ އެކިއެކި ރަށްރަށުން 35 ބައިވެރިޔަކު ބައިވެރިވެ ތަމްރީނު ހޯއްދަވާފައެވެ. ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ އަށްވަނަ މަސައްކަތު ބައްދަލުވުން ބޭއްވެވުމަށް ހަމަޖެހިފައިވަނީ މިލަދުންމަޑުލު ދެކުނުބުރީގައިކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.