ސިޔާސީ

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި


ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

އެޕާޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 16 ވަނަދުވަހާއި ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ދާއިރާއަކަށް ކުރިމަތިލާން ޖެހޭ އަދަދަށްވުރެ ގިނައިން ކުރިމަތިލާފައިވާނަމަ އެދާއިރާއަކަށް ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށާއި ޕްރައިމެރީ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށް ޕީޕީއެމުން މިއަދު ނެރުނު އިޢުލާނުގައިވެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތަކަށް އެފުރުޞަތު ޕީޕީއެމްއިން މިއަދު ހުޅުވާލިއިރު އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން އިންތިޚާބުގައި ވާދަކުރުމަށް ނިންމާ އެކަން ވަނީ އެ ދެ ޕާޓީން އިޢުލާންކޮށްފައެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްލަ 651 ކައުންސިލަރުން އިންތިޚާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. މިގޮތުން އަތޮޅު ކައުންސިލަރުންގެ ގޮތުގައި 561 ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 23 ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ.