ޚަބަރު

ސަޢޫދީ ސަރުކާރުން ރާއްޖެއަށް 2.3 ބިލިޔަން ރުފިޔާގެ އެހީއެއް


ސައުދީ ސަރުކާރުން 150 މިލިއަން ޑޮލަރު ނުވަތަ ގާތްގަޑަކަށް 2.3 ބިލިޔަން ރުފިޔާގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ސަޢޫދީއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ދަތުރުފުޅުގައި ބައިވެރިވެޑައިގެންނެވި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަޢޫދީ ސަރުކާރުން ދެއްވާ އެހީއަކީ ދިވެހި ދަޢުލަތުގެ ބަޖެޓުގެ ބެލެންސް އޮފް ޕޭމެންޓަށް ލުއެއްގެ ގޮތުން ދެއްވާ އެހީއެއްކަމަށެވެ.

މި އެހީގެ ސަބަބުން ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބިޔަ މަޝްރޫއުތަކަށް ދުނިޔޭގެ ބޭންކްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުގައި ލުއެއް ލިބި، ބޭރުގެ ފަރާތްތަކުގެ ނުތަނަވަސްކަން ފިލައިގެންދާނެކަމަށް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވިއެވެ. އަދި ލޯނުތައް އަނބުރާ ދެއްކުމުގައި ސަރުކާރުން އަބަދުވެސް ޕްލޭނެއް ގެންގުޅުއްވާ ކަން މިނިސްޓަރ ޝައިނީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަޢޫދީގެ މި އެހީއާއެކު ދިވެހި ދައުލަތުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެކަންވެސް މިނިސްޓަރ ޝައިނީ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ސަޢޫދީން ދެއްވުމަށް އެއްބަސްވެވަޑައިގެންނެވި 150 މިލިއަން ޑޮލަރު ދޭނީ ކޮން އުސޫލަކުންކަން އަދި ނިންމާފައި ނުވާކަމަށެވެ. އަދި އެކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް އެކަންކަން ނިންމާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.