ޚަބަރު

ސަބްސިޑީގެ މައްސަލާގައި ވުޒާރާތަކުގެ ވެރިން ކޮމިޓީއަށް


ކާޑުގެ ބާވަތްތަކުން ސަބްސިޑީޒް ދޫކުރައްވާ އުސޫލްތަކަށް ސަރުކާރުން ބަދަލު ގެންނަވަން ނިމެވުމާއި ގުޅިގެން ދައުލަތުގެ ބައެއް ވުޒާރާތަކާއި ބައެއް މުވައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖުލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރެއްވުމަށް އެ ކޮމެޓީން ނިންމަވައިފިއެވެ.

އެކޮމެޓީން މިގޮތަށް ނިންމަވާފައިވަނީ ކާޑުގެ ބާވަތްތަކަށް ސަބްސިޑީޒް ދޫކުރައްވާ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ 3 މެމްބަރަކު ހުށައެޅި މައްސަލަ ދިރާސާކުރެއްވުމަށް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައެވެ.

ކޮމެޓީއަށް ހާޒިރުވި 10 މެމްބަރުންގެ އިއްތިފާޤުން އެކޮމެޓީއަށް ހާޒިރުކުރަން ނިންމަވާފައިވަނީ ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، އެންސްޕާއާއި، އެސްޓިއޯއާއި، ނޭޝަނަލް ރެޖިސްޓްރޭޝަންގެ އިސްވެރިންނެވެ. މީގެއިތުރުން ކަރަންޓްގެ އަގަށް އައި ބަދަލުތަކާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްވެރިންވެސް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖުލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކުރައްވާފައިވެއެވެ.