ސިއްހަތު

ފިއްލަދޫ ޞިއްޚީ މަރުކަޒުގެ ލެބޯޓްރީ ރަސްމީކޮށް ހުޅުވައިފި


ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ޞިއްޚީ މަރުކަޒުގެ ލެބޯޓަރީ ރަސްމީގޮތުން ހުޅުއްވައި ޚިދުމަތްދެއްވަން ފަށްޓަވައިފިއެވެ.

މި ލެބޯޓަރީ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ޞިއްޚީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރެއްވުމާއި، ގެންނަވަންޖެހޭ މުހިންމު ބަދަލުތައް ގެންނެވުމާއި، ޒަމާނީ ވަޞީލަތްތައް ފޯރުކޮށްދެއްވަމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.

ފިއްލަދޫ ޞިއްޚީ މަރުކަޒުގެ ލެބޯޓަރީ ހުޅުވައިދެއްވުމަށްޓަކައި ފިއްލަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ ފިއްލަދުއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށާއި، ތަރައްޤީ ގެނައުމަށްޓަކައި ރަށުގެ ރައްޔިތުން ކުރަމުން ގެންދާ ބުރަ މަސައްކަތް ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފިއްލަދޫގައި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ފެށި، ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށެވެ.

ފިއްލަދޫ ޞިއްޚީ މަރުކަޒުގެ ލެބޯޓަރީ ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ ޞިއްޚީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ޞިއްޚީ މަރުކަޒަށް ދިމާވެފައިވާ ދަތި ކަންތައްތަކާއި ޙައްލުކުރަން ޖެހިވަޑައިގެންފައިވާ ކަންތައްތައް އޮޅުން ފިލުއްވާފައެވެ.

މިނިސްޓަރ ވަނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޞިއްޚީ މަރުކަޒަށް ވަޑައިގެން މަރުކަޒުގެ ޙާލަތުވެސް ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ޞިއްޚީ މަރުކަޒުގެ ކަންތައްތައް ހިނގަމުންދާ ގޮތާއި، ދިމާވެފައި ހުރި ދަތިތައް އޮޅުން ފިލުއްވައި، އެންމެ އަވަސް މުސްތަޤްބަލެއްގައި ކަންތައްތައް ޙައްލުކުރެއްވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.