މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް"ގެ ހުރިހާ ކަމެއްވެސް ގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ، އަންނަ އަހަރުގެ މުބާރާތުގައިވެސް ބައިވެރިވުމުގެ ޝައުގުވެރިކަން ލަންކާ ޓީމުން ފާޅުކޮށްފިއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލަންކާ ޓީމުން ބުނީ، މުބާރާތުގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަކަން ފާހަގަކުރެވުނު ކަމަށާއި، މުބާރާތް އިންތިޒާމުކުރި ފަރާތުން ވަރަށް ރަނގަޅު މެހެމާންދާރީއެއް ލިބުނު ކަމަށެވެ.
"މުބާރާތް ވަރަށް ފުރިހަމަ. މުބާރާތުގެ އިންތިޒާމުތަކާމެދު ވަރަށް ހިތްހަމަޖެހޭ. ރާއްޖޭގެ މުބާރާތް އިންތިޒާމުކުރި ފަރާތުން އަހަރުމެންނާމެދު ކަންކުރީ ވަރަށް ރަނގަޅަށް." ލަންކާ ޓީމުން ވާހަކަދެއްކި އެތުލީޓު ބުންޏެވެ.
ލަންކާ ޓީމުގެ ފަރާތުން "ޕީއެސްއެމް ނިއުސް"އާ ވާހަކަދެއްކި އެތުލީޓު އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާ ވަނީ މި މުބާރާތުގެ 2 އިވެންޓެއްގައި ބައިވެރިވެ، އެ އިވެންޓުތަކުން 2 ރަން މެޑަލް އަދި 2 ރިހި މެޑަލް ހޯދާފައެވެ. އެހެންކަމުން، މުބާރާތުގައި ލިބުނު ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހޭކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އޭނާ ވަނީ އަންނަ އަހަރުގެ މުބާރާތަށްވެސް އަންނަން ބޭނުންވާކަން ހާމަކޮށްފައެވެ.
"މިއީ އަހަރެން ރާއްޖެ އައި ފުރަތަމަ ފަހަރު..... އަހަރެން ދެ އިވެންޓެއްގައި ވާދަކުރިން. އަދި ދެ ރަން މެޑަލް އަދި ދެ ރިހި މެޑަލް ލިބުނު. އަހަރެން މިހިރީ އެކަމާ ވަރަށް އުފަލުން. އަންނަ އަހަރުގެ މުބާރާތަށްވެސް ރާއްޖެ އަންނަން މަސައްކަތް ކުރާނަން." ލަންކާ ޓީމުގެ ފަރާތުން ވާހަކަދެއްކި އެތުލީޓު ބުންޏެވެ.
ލަންކާ ފިރިހެން ޓީމަށް މުބާރާތުގައި ވަނައެއް ލިބިފައި ނުވިނަމަވެސް، އަންހެން ޓީމުން ވަނީ މުބާރާތުގެ 3ވަނަ ހޯދާފައެވެ. އެޓީމުން ވަނީ 10 ރަން މެޑަލް އަދި 5 ރިހި މެޑައްޔާއެކު، ޖުމްލަ 15 މެޑަލް ހޯދާފައެވެ.