ޚަބަރު

"ސުކޫލު ކުދިންގެ މުބާރާތުން މޮޅެތި ޤައުމީ ޝޫޓަރުން އުފެދޭނެ"


  • "މިއީ ބައިނަލްއަގްވާމީ މުބާރާތަކަށް މޮޅު އެތުލީޓުން އުފެދޭނެ މަރުހަލާއެއް"

  • "ޝޫޓިން ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ"

  • "އެސޯސިއޭޝަނާއި ސުކޫލުތަކަށް އެއްބާރުލުން ދޭނަން"

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުކޫލުތަކަށް ހުޅުވާލައިގެން ބޭއްވި "ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް" ނުވަތަ ބަޑި ޖެހުމުގެ މި މުބާރާތުގެ ސަބަބުން ޤައުމު ތަމްސީލުކުރާނެ މޮޅެތި އެތުލީޓުން އުފެދިގެން އަންނާނެ ކަމަށް ޒުވާނުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދިއްތަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ރައްޒާގު ވިދާޅުވީ މި މުބާރާތަކީ ސަރަހައްދީ މުބާރާތްތަކާއި އެހެނިހެން ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތިނަން ގެނެސްދެވޭނެ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަށް ކުރިޔަށް ގެންދެވޭ މަރުހަލާއެއް ކަމަށެވެ.

"އެއީ ޅައުމުރުގައި ދަސްކޮށްދެވިއްޖެ ކަމަށްވަންޖާއި ރީޖަނަލް ލެވެލްގައި އަދި އެހެން މުބާރާތްތަކުގައި ގައުމު ތަމްސީލުކުރާނެ ގައުމީ ކުޅުންތެރިންތަކެއް އަޅުގަނޑުމެންނަށް ތައްޔާރު ކުރުމުގެ އެއް މަރުހަލާ މިއޮތީ ފެށިފަ، ދެން މިއޮފީ ސުކޫލުތަކާއި އެސޯސިއޭޝަންތަކާއި ބެލެނިވެރިންނާއި އަދި މިކުދިންގެ މި ޓެލެންޓު ކުރިއެރުވުމަށްޓަކައި ބޭނުންވާ ފުރުސަތު ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ މަގުތަކެއް ހޯދުން" އަބްދުއްރައްޒާގު ވިދާޅުވިއެވެ.

އަބްދުއްރައްޒާގު ވިދާޅުވީ ޝޫޓިން ކުރިއެރުވުމަކީ، ޒުވާނުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، މި ކުޅިވަރު ކުރިއެރުވުމަށް، ސަރުކާރުން އެސޯސިއޭޝަނާއި ސުކޫލުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދޭން ބޭނުންވާ އެ ޔަގީން ކަމަކީ ކުޅިވަރު ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން އެ ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެންގެ ވުޒާރާ މެދުވެރިކޮށް އެސޯސިއޭޝަނަށްވެސް އަދި ސުކޫލުތަކަށްވެސް ލިބިދޭނެ ކަން" އަބްދުއްރައްޒާގު ވިދާޅުވިއެވެ.

ރާއްޖޭގެ މި ކުޅިވަރުގެ ދިގު ތާރީހުގައި ޝޫޓިން އިން ފުރަތަމަ ފަހަރަށް އިންޓަ ސުކޫލް މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ހޯދި ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމަށްޓަކައި އެސޯސިއޭޝާނާއި ސުކޫލުތަކުގެ ވެރިންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް ރައްޒާގް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ޝޫޓިން އިން ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް މި މުބާރާތުގައި ވާދަކުރި ދަރިވަރުންނަކީ މޮޅަށް ކިޔަވައިގެން ނިކުމެ ގައުމަށް ފައިދާހުރި ދަރިވަރުންތަކެއްގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިހާ ކުޑަދުވަސްކޮޅެއްގެތެރޭގައި ޔަންގްޓެލެންޓް ވަރަަށް ބޮޑަށް ޑިވެލޮޕްކޮށް ނާޗަރ ކުރަމުންދާތަން ފެންނަނީ. މީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ޕޮސިޓިވް އިމްޕެކްޓެއް އަންނާނެ ކަމެއް" ރައްޒާގް ވިދާޅުވިއެވެ.

މި މުބާރާތުގައި މާލޭގެ ހުރިހާ ސުކޫލަކުން ބައިވެރިވިއެވެ. އެގޮތުން ކޮންމެ ސުކޫލަކުން 8 ދަރިވަރުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ އިވެންޓުތަކުގެ ތެރޭގައި 20 އަހަރުންދަށާއި 17 އަހަރުންދަށުގެ އިތުރުން 15 އަހަރުންދަށުގެ އިވެންޓުތައް ހިމެނެއެވެ.

އޭގެތެރޭގައި، 10 މީޓަރު އެއާ ރައިފަލް މެން، 10 މީޓަރު އެއާ ރައިފަލް ވިމެން، 10 މީޓަރު އެއާ ރައިފަލް މިކްސްޑް ޓީމް، 10 މީޓަރު އެއާ ރައިފަލް ޓީމް ވިމެން، 10 މީޓަރު އެއާ ރައިފަލް ޓީމް މެން، 10 މީޓަރު އެއާ ޕިސްޓަލް މެން، 10 މީޓަރު އެއާ ޕިސްޓަލް ވިމެން، 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ޓީމް، 10 މީޓަރު އެއާ ޕިސްޓަލް ޓީމް ވިމެން އަދި 10 މީޓަރު އެއާ ޕިސްޓަލް ޓީމް މެން ހިމެނެއެވެ.