ޢަރަބިއްޔާ ސްކޫލް އަތުން މޮޅުވެ، ޖަމާލުއްދީން ސްކޫލް "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު މިމެޗު، ޖަމާލުއްދީން ސްކޫލުން ކާމިޔާބުކުރީ 0-6 އިންނެވެ.
ޖަމާލުއްދީން ސްކޫލުން މެޗުގެ ލީޑު ނެގީ 14 ވަނަ މިނެޓުގައެވެ. މެޗު ފެށިގޮތަށް ޖަމާލުއްދީނުން ދިޔައީ މޮޅަށް ކުޅެ، ޢަަރަބިއްޔާ ގޯލަށް ނުރައްކާކުރަމުންނެވެ. ޖަމާލުއްދީނުން ގޯލުޖެހުމުން މެޗު އަލުން ފަށައިގެން އިރުކޮޅެއް ތެރޭ ޢަރަބިއްޔާއިން ވަނީ ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ހަމަލާ އަމާޒުވީ ޖަމާލުއްދީން ސްކޫލް ކީޕަރުގެ އަތަށެވެ.
ޖަމާލުއްދީން ސްކޫލުން ކެނޑިނޭޅި، ޢަރަބިއްޔާ ސްކޫލުގެ ގޯލަށް ނުރައްކާކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެޓީމުން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. މިއާއެކު، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމިނގެންދިޔައީ 0-2 ގެ ނަތީޖާއިން ޖަމާލުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އިތުރު 4 ގޯލު ފެނިގެންގޮސްފައި ވާއިރު، އޭގެތެރެއިން ފިރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. 2 ވަނަ ގޯލު، 42 ވަނަ މިނެޓުގައި ފެނިގެންގޮސްފައިވާއިރު، 3 ވަނަ ގޯލު ފެނިގެންގޮސްފައިވަނީ 45 ވަނަ މިނެޓުގައެވެ. އަދި ޖަމާލުއްދީން ސްކޫލުން މިމެޗުގައި ކާމިޔާބުކުރި އެންމެ ފަހު ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ.
މި ނަތީޖއާއެކު، ގްރޫޕް ސްޓޭޖުގެ 4 މެޗުންވެސް ބަލިވެ، ޢަރަބިއްޔާއަށް މިވަނީ މުބާރާތް ނިމިފައެވެ. ޢަރަބިއްޔާއިން މުބާރާތުގައި ޖުމްލަ 4 މެޗު ކުޅުނުއިރު،ބައިކޮޅަށް 18 ލަނޑު ވަދެފައިވާއިރު، އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ޖަމާލުއްދީން ސްކޫލުން މިހާތަނަށް 3 މެޗު ކުޅެފައިވާއިރު، އެޓީމުން ވަނީ 2 މެޗު ކާމިޔާބުކޮށްފައެވެ. އެހެންކަމުން، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ.