ޚަބަރު

ކާޑުގެ ސަބްސިޑީއާގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ބަލައިގެންފި


ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކޮންޓްރޯލްކޮށް ހަމައެކަނި ނިކަމެތިންނަށް ސަބްސިޑީ ދޭން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީ ފަރާތުން ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކޮށްފިއެވެ. އެމްޑީޕީ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި، ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ރިޔާސަތުން ކަނޑައެޅީ އެ މައްސަލައާމެދު ބަހުސް ކުރަން އެއް ގަޑިއިރުގެ ވަގުތެއް މެންބަރުންނަށް ދެއްވުމަށެވެ.

ނާޒިމް ހުށަހެޅި ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ ސަރުކާރުން ކުއްލި ގޮތުގައި ކާޑުގެ ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގުތައް 100 ޕަސަންޓު ބޮޑުވުމާއި އޭގެ އިތުރުން މިދުވަސްކޮޅަށް ކަރަންޓުގެ އަގު ބޮޑުވުމުން ރައްޔިތުނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ކާޑުގެ ބާވަތްތައް ލިބޭ އަގުވެސް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެދޭ ކަމަށެވެ.

ސަބްސިޑީ ކޮންޓްރޯލް ކުރުމާއެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެއެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ 4 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެންސްޕާ މެދުވެރިކޮށް ސަބްސިޑީ ހައްގުވާ ފަގީރުންނަށް އެ ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން ބޮލަކަށް 40 ރުފިޔާއާއި ގޭބިސީއަކަށް 240 ވަނީ ހަމަޖައްސާފައެވެ. ކާޑުގެ ސަބްސިޑީއަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމް އެންސްޕާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އެގޮތުން މާލޭގެ ދެ ސަރަޙައްދެއްގައި މޭޒު ބަހައްޓައި ފޯމް ފުރާ ބަލައިގަތުމުގެ ކަންކަން ދަނީ ކުރިއަށެވެ. މީގެ އިތުރުން އެސްޓީއޯއިން ގެންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކާޑުގެ ސަބްސިޑީއަށް އެދުމުގެ ފޯމް ފުރުމާއި ބަލައިގަތުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގަމުންނެވެ.