ޚަބަރު

ދެވަަނަ މޮޅާއެކު ހަނިމާދޫ އެއްވަނައަށް


  • ހަނިމާދޫއިން މެޗު ކާމިޔާބުކޮށްފައި ވަނީ 1-2 ގެ ނަތީޖާއިން

  • ހަނިމާދޫ ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވި

  • ހަނިމާދޫ އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުންވެސް މިވަނީ މޮޅުވެފައި

އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަން ލީގުތަކުގެ ނޯތު ރީޖަންގައި ހދ.ހަނިމާދޫގެ އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ބ.އޭދަފުއްޓާ ވާދަކޮށް، ހަނިމާދޫ މި މެޗު ކާމިޔާބުކޮށްފައި ވަނީ، 1-2 ގެ ނަތީޖާއިންނެވެ.

މިމެޗުގެ 2 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި، ލީޑުނެގީ އޭދަފުށީ ޓީމުންނެވެ. މިގޯލާއެކު ހަނިމާދޫ ޓީމުގެ ކުޅުން ރަނގަޅުކޮށް، ގިނަ ހަމަލާތަކެއް އުފައްދާފައި ވީނަމަވެސް، އެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިވަނީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި، ލިބުނު ލިހޭޖެހުމަކުންނެވެ. މިހާފުގައި އޭދަފުށިން ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައި ވެއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ހާފުގައި ހަނިމާދޫއިން ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ.

ހަނިމާދޫއިން ލީޑު ނެގުމާއެކު، "ރާއްޖޭގެ ބްރެޒިލް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އޭދަފުށީ ޓީމުގެ ފަރާތުން ހަނިމާދޫ ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް، އެޓީމަށް އިތުރު ގޯލެއް މިމެޗުގައި ކާމިޔާބުކުރެވިއެއް ނުވެއެވެ.

މިއާއެކު، ހަނިމާދޫއިން މުބާރާތުގައި އަމިއްލަ ދަނޑުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައި ވާއިރު، ރަށުން ބޭރުގައި ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އެގޮތުން، ހަނިމާދޫގެ ފުރަތަމަ މެޗުގައި މަނަދޫއާ ވާދަކޮށް ހަނިމާދޫއިން ވަނީ 0-5 ގެ ބޮޑު މޮޅެއް ހޯދާފައެވެ. ނަމަވެސް ދެވަނަ މެޗުގައި ރަށުން ބޭރުގައި ދިއްދޫއާ ވާދަކޮށް އެޓީމު ވަނީ 1-2 ގެ ނަތީޖާއިން ބަލިވެފައެވެ.

މި ނަތީޖާ އެކު ހަނިމާދޫ މިވަނީ ނޯތު ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާ އެކު ދިއްދޫ ގުރޫޕުގެ ދެވަނައިގަ އޮތް އިރު ހަަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން މަނަދޫ އޮތީ ތިންވަނައިގައެވެ. މި ބުރުގައި އަދި މޮޅެއް ނުލިބި އޭދަފުށި އޮތީ ގުރޫޕުގެ ފުލުގައެވެ.