ޚަބަރު

ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތައް އެއްވިއުގައަކުން


ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުރިހާ ސެންޓަރުތަކެއްވެސް އެއްވިއުގައަކުން މިހާރު ގުޅާލައްވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ސެންޓަރުތައް ހިންގުމަށާއި، އަދި އެތަންތަނުގެ ޚިދްމަތްތައް ފޯރުކޮށްދެވުމުގައި ފަސޭހަވެފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ" ގެ ނަމުގައި މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު، ވުޒާރާއެއް އުފައްދަވައި ކުރީގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ކުރިޔަށް ބެލެއްހެއްޓެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންކަން އެ މިނިސްޓްރީގެ މޭންޑޭޓްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. މީގެ ތެރެއިން އެއް މަސައްކަތަކީ، ލާމަރުކަޒީކޮށް އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދްމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުން އެކުލަވާލާފައިވާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ. މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމަށް އެކުލަވާލި 100 ދުވަހުގެ އެކްޝަން ޕްލޭންގައި މި ސެންޓަރުތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ބާރުއަޅާ ގިނަ ކަންތައްތަކެއް ހިމަނުއްވާ އެކަންކަން ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސެންޓަރުތައް އެއް ވިއުގައަކުން ގުޅާލެވުމަކީ، އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަތޭކަ ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ޢަމާޒަކަށްވީ، މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގެ ޚިދްމަތްތައް ރަނގަޅުކޮށް، އެ ސެންޓަރުތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުން. މިގޮތުން މިނިސްޓްރީއާއި ،އެފް.އެސް.ސީ.ސީތަކާއި ދެމެދުގައި ވިއުގައެއް ޤާއިމްކޮށް، އެއްވިއުގައަކުން ހުރިހައި އެފް.އެސް.ސީ.ސީތަކެއް މިވަނީ ގުޅާލެވިފައި. މީގެ ސަބަބުން އެސެންޓަރުތަކުގެ މަސައްކަތްތައް ވަރަށް ފަސޭހަވެގެން ދިޔަކަމަށް ޤަބޫލް ކުރެވޭ. އަދި ޚާއްޞަކޮށް މިދިޔަ މަހު ލޯންޗްކުރެވުނު މޯލްޑިވްސް ޗިލްޑްރެން ޕްރޮޓެކްޝަން ޑޭޓާބޭސް ވެސް މިހާރު ވަނީ އެފް.އެސް.ސީ.ސީތަކާއި ގުޅާލެވިފައި." މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިނިސްޓްރީން އެންމެ ބޮޑު ޢަމާޒަކަށްވީ، ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންނަށް ޢަމާޒުކޮށް ހިންގާ ކަންކަން ހަރުދަނާ ކުރެއްވުން ކަމަށާއި، މި މަސައްކަތުގެ ދަށުން ،ސްޓޭކް ހޯލްޑާސް ވޯކިން ގްރޫޕެއް އެކުލަވާލާ، ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ.

"މި ވޯކިންގް ގްރޫޕްގެ މަޤްޞަދަކީ، ދައުލަތުގެ އެކި އެކި މުއައްސަސާތަކާއި، އިދާރާތަކުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި، ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަރުދަނާ އުޞޫލެއްގެ ދަށުން، މަސައްކަތް ކުރިޔަށް ގެންދެވޭނޭ ނިޒާމެއް ޤާއިމްކޮށް، އެ ނިޒާމްގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުން. ހަފްތާއަކު އެއްފަހަރު ސްޓޭކް ހޯލްޑާރސް ވޯކިންގް ގްރޫޕްގެ މީޓިންގްއެއް ބާއްވާ. މިހާރު އެ ގްރޫޕުން މަސައްކަތް ކުރަމުންދަނީ، ދައުލަތުގެ ބެލުމުގެދަށުގައި ހުންނަ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަޑުތައް ނުވަތަ މިނިމަލް ސްޓޭންޑިންގް ގައިޑްލައިންސްތައް ފައިނަލައިޒް ކުރުމުގެ މަސައްކަތްތައް." މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވައި އެކުދީންނަކީ ރައްކާތެރި ބަޔަކަށް ހެދުމަށް މިނިސްޓްރީން ކުރިޔަށް ގެންދަވާ "އަހަން" ކެމްޕޭންގެ ދަށުން މުލަކަތޮޅުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި މިކެމްޕޭންގެ ދަށުން އިތުރު އަތޮޅުތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.