ޚަބަރު

އިމްތިޙާނު ދުވަސްވަރު ކޮންސްޓްރަކްޝަން މަސައްކަތް ކުރުން


މިދުވަސްވަރަކީ، ރާއްޖޭގެ އެތައްހާސް ދަރިވަރުން އޯލެވެލް އަދި އޭލެވެލް އިމްތިޙާނު ހަދަމުން އަންނަ ދުވަސްވަރަކަށްވާތީ، ދަރިވަރުންނަށް އުނދަގޫވާ މިންވަރު ކުޑަވާގޮތަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހައުސިންގ މިނިސްޓްރީން ޢާންމުކޮށް ހުރިހާ ފަރާތްތަކަށް ބާރުއަޅުއްވައިފިއެވެ.

މިކަން ބަޔާންކުރައްވައި ހައުސިންގ މިނިސްޓްރީން ނެރުއްވި ބަޔާނުގައި އިމްތިޙާނުހަދާ ހޯލްތައް ހިމެނޭ ސަރަޙައްދުތަކުގައި މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައިވެއެވެ. ޚާއްޞަކޮށް އިމްތިޙާނު ހަދާ ގަޑިތަކާއި ގިނަކުދިން ފިލާވަޅު ދަސްކުރާ ގަޑިތައްކަމަށްވާ ފަތިހުގެ ގަޑިތަކާއި ދަންވަރު ނިދާ ގަޑިތަކުގައި އަޑުގަދަވާނެ ބޮޑެތި މަސައްކަތް ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވާ ގޮތުގައި އިމްތިޙާނުހަދާ ދުވަސްވަރު ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހުއްދަދެއްވާ މަގުތަކަށް ބަދަލު ގެންނެވުމަށް ވަނީ ނިންމަވާފައެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަށް މީގެ ކުރިން ހުއްދަ ދެއްވާ ޢަދަދަށްވުރެ މިދުވަސްކޮޅު ހުއްދަދެއްވާ ޢަދަދު މަދުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ހައުސިން މިނިސްޓްރީގެ ބަޔާނުގައި، އެ މިނިސްޓްރީގެ މިފަދަ އެދިވަޑައިގަތުންތަކަށް ކަމާގުޅުންހުރި ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައިވެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނު ފެށުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އަދި އޭލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.