ޚަބަރު

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 7 ވަނަ މަސައްކަތު ބައްދަލުވުން


ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 7 ވަނަ މަސައްކަތު ބައްދަލުވުން މުލަކަތޮޅު މުލީގައި ފަށްޓަވައިފިއެވެ. މ. އަތޮޅުގެ އެކި ރަށްރަށުގެ މުއައްސަސާތަކުން 35 ފަރާތަކުން ބައިވެރިވި މި މަސަކަތު ބައްދަލުވުން މިއަދުން ފެށިގެން މާދަމާގެ ނިއަލަށް ކުރިއަށްގެންދަވާނެއެވެ. 

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަންގަވައިގެން، ކޮންމެ އަތޮޅެއްގައި ކުރިއަށްގެންދަވާ މި މަސައްކަތު ބައްދަލުވުމަކީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށް، ހޭލުންތެރިކަން އިތުރުކޮށް، ޖަމާއަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުމާއި، ޖަމާއަތްތަކުގެ ހަރަކާތްތަކަށް ޝައުގުވެރި ކުރުވުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަޤްޞަދުގައި ކުރިއަށްގެންދަވާ ބައްދަލުވުންތަކެކެވެ. އަދި އަމާން ވެއްޓެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 7 ވަނަ މަސައްކަތުގެ ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މިފަދަ މަސައްކަތު ބައްދަލުވުން ތަކުން ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމާއި، ދިވެހިންގެ ތެރޭގައި ގިނަވެފައިވާ ވަރީގެ މައްސަލަތަކާއި، ރަށުގެ ތަރައްޤީއަށާއި، މުޖުތަމައުގެ ތަރައްޤީއަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރެވޭނެކަމަށެވެ.

މިނިސްޓަރަ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރިއަށްގެންދަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދަވަން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިފަދަ މަސައްކަތު ބައްދަލުވުންތަކުގައި ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ގޮތުންނާއި، އިޖްތިމާއީ ގޮތުން އަދި ދީނީގޮތުން އިރުޝާދު ދެވިގެންދާއިރު، ރަށްރަށުން ބައިވެރިވާ ފަރާތްތަކުން މިކަން އެ ރަށެއްގެ ހުރިހާ ފަރުދުނާއި ޙިއްސާ ކުރެއްވުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި، އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލްކޯޓާއި ފުލުހުންނާއި އެލް.ޖީއޭ އަދި ހޯމް މިނިސްޓްރީ ހިމެނޭހެން ކަމުގެ ތަޖުރިބާކާރުން، ޒިންމާދާރު މުޖުތަމައެއް ބިނާކުރުމާ ގުޅޭގޮތުން މ. އަތޮޅުގެ ރަށްތަކުގެ މަންދޫބުންނަށް މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.