ޚަބަރު

ކާޑުގެ ސަބްސިޑީގެ ޙައްގުވެރީންނަށް ސަބްސިޑީ ޔަޤީންކޮށްދެވޭނެ


ދިވެހިންގެ ތެރެއިން ކާޑުގެ ސަބްސިޑީއަށް ބޭނުންވާ، އޭގެ ޙައްގުވެރި ކޮންމެ ރައްޔިތަކަށް ސަރުކާރުން ސަބްސިޑީ ޔަޤީންކޮށްދެއްވާނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 7 ވަނަ މަސަކަތު ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އަގަށް އައި ބަދަލާ ގުޅޭގޮތުން ޢާންމުނަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކުގެ ސަބަބުން އޮޅުންއަރާކަމަށެވެ. އެކަން ސާފްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސަބްސިޑީޒް ދެއްވާ އުޞޫލަށް މިބަދަލު ގެންނަވަން ޖެހިވަޑައިގަތް މައިގަނޑު ސަބަބަކީ ސަރުކާރުން ސަބްސިޑީޒްގެ ގޮތުގައި ހޭދަކުރައްވާ ފައިސާ ބިދޭސީންނަށް ހޭދަކުރެވޭތީ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކު ސަބްސިޑީޒްގެ ގޮތުގައި ހޭދަކުރައްވާ 300 އެތައް މިލިޔަން ރުފިޔާއެއްގެ ތެރެއިން ބޮޑުބައިގެ ފައިދާ ލިބެމުންދަނީ އެކިއެކި ބޭނުންތަކުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން 4 ރުފިޔާ ލާރިކޮޅަކަށް ވިއްކާ ހަނޑޫ ކިލޯއެއް އެސް.ޓީ.އޯއިން ރާއްޖެއަށް އެތެރެކުރަނީ، ކިލޯއެއް 8 ރުފިޔާގެ ރޭޓުން ކަމަށާއި، ސަބްސިޑީގެ ގޮތުގައި މިގޮތަށް ހަނޑުލާއި، ހަކުރާ، ފުށުން ދިވެހިންނަށް ލިބެންޖެހޭ އެތަކެއް ފައިސާއެއް އެހެން ބަޔަކަށް ލިބެމުންދާ ދިއުން ހުއްޓުވައި، އޭގެ ޙައްޤުވެރި ފަރާތްތަކަށް މަންފާ ލިބިދެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އަޒްލީން ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ޤައުމުތަކުގެ ރަށްވެހިން މިޤައުމުގެ އިޤްތިޞާދުގެ ތެރެއަށް ވަރަށްބޮޑަށް ވަދެފައިވާ ކަމަށާއި، އޭގެތެރެއިން މާލީގޮތުން ފުދުންތެރި މީހުން ނިސްބަތުން މަދުނޫން ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަން ކުރެއްވި ބައެއް ފަރާތްތަކުން ރައްޔިތުންނާ ގުޅުންހުންނަ ކަންކަމުގައި ވަކިގޮތަކަށް ކަންކަން ބައްޓަންކުރައްވާފައިވުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންހުރި އެތައްކަމެއް މިހާރު ކުރިމަތިވާކަމުގައި ވިދާޅުވިއެވެ.

އެގޮތުން ދުންފަތްފަދަ ނުރައްކާތެރި ވިހަ ތަކެތި ބޭނުންކުރުން އާންމުވެފައިވުމުގެ ސަބަބުން ހިތުގެ ބައްޔާއި، ކެންސަރު ފަދަ ބަލިތައް ރާއްޖޭގައި ގިނަވެ، އޭގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ރައްޔިތުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން މިނިސްޓަރ އަޒްލީން ފާހަގަކުރައްވާފައިވެއެވެ.