ޚަބަރު

"ޤައުމު ބިނާކުރުމުގައި މުދައްރިސުން ދައްކަވާ ނަމޫނާއަށް ސާބަސް"


މިއަދު ފާހަގަކުރައްވަމުން ގެންދަވާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރާއްޖޭގެ މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޢާންމުކުރެއްވި ތަޙްނިޔާގެ ލިޔުންކޮޅުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ މުދައްރިސުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤައުމު ބިނާކޮށްދެއްވުމުގައި މުދައްރިސުން ދައްކަވަމުން ގެންދަވާ ރިވެތި ނަމޫނާ ފާހަގަކުރައްވައި އެކަމަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބަޔާންކުރައްވާފައިވެއެވެ.