ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ގިނަ އުމުރުފުރާތަކަކުން 210 ބައިވެރިންނާއެކު، ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަދު ފެށިއްޖެއެވެ.
"ޕީއެސްއެމް ނިއުސް"އަށް މައުލޫމާތުދެއްވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިޝްފާން މުޙައްމަދު ވިދާޅުވީ، ޖުމްލަ 6 އުމުރުފުރާއެއްގެ ބައިވެރީން މިއަހަރުގެ މުބާރާތުގައި ވާދަކުރާނެ ކަމަށެވެ.
މި އުމުރުފުރާތަކަކީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މީގެ އިތުރުން، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގައި ބައިވެރިވާ ކުޅުންތެރިންނަށް، މުބާރާތުގެ އޯޕަން ކެޓެގަރީގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މައުލޫމާތުދެއްވިއެވެ.
މިކަމުގެ މަގުސަދެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވީ ހެދިބޮޑުވަމުން އަންނަ އުމުރުފުރާގެ ކުޅުންތެރިންނަށް، ސީނިއަރ ކުޅުންތެރިންނާ ވާދަކުރުމުގެ ތަޖުރިބާ ލިބުމެވެ. މިކަން ހާސިލުވުމަށް އެކުދިންނަށް ލިބެނީ ވަރަށް މަދު ފުރުސަތުތަކެއްކަން އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާނެ ރަނގަޅު ސްކޮޑެއް އެކުލަވާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، އިޝްފާން މުޙައްމަދު މިކަން ފާހަގަކުރެއްވިއެވެ.
ސްކޫލްތަކުގެ ޓެސްޓު ދުވަސްވަރާ މުބާރާތް ދިމާވުމުގެ ސަބަބުން އަތޮޅުތަކުން ކުޅުންތެރިން ބައިވެރިވެފައިވާ މިންވަރު ތަންކޮޅެއް މަދު ނަމަވެސް، އޭދަފުށި، ނައިފަރު އަދި އައްޑޫއިން މި މުބާރާތުގައި ކުޅުންތެރިން ބައިވެރިވެފައިވާކަން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.
މުބާރާތް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.