ޚަބަރު

ޑިސްޕިއުޓް ރިޒޮލިއުޝަން މެދުވެރިކޮށް %47 މައްސަލަ ހައްލުކުރެވުން


ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތައް ޝަރީޢަތުން ބޭރުގައި ޙައްލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ޤާއިމްކުރައްވާފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް މިއަހަރުގެ މިހާތަނަށް ހުށައެޅުނު މައްސަލަތަކުގެ 47 އިންސައްތަ މައްސަލަ ޝަރީޢަތަކާ ނުލައި ޙައްލުކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައިފިއެވެ. މިއީ އެކޯޓަށް ހުށައެޅޭ މައްސަލަތައް ދެޚަސްމުން އެދޭގޮތަށް އިންސާފުވެރިކަމާއި، ޞުލްޙަވެރިކަމާއެކު ނިންމެވުމަށް ކުރައްވާ މަސައްކަތްތަކަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށް ސިވިލްކޯޓުން ސިފަކުރައްވައެވެ.

ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަކާ ނުލައި ޙައްލުކުރެވިދާނެ މައްސަލަތައް ޙައްލުކުރެއްވުމަށް ސިވިލް ކޯޓްގައި ޤާއިމުކުރައްވާފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމަކީ ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރެއްވި ނިޒާމެކެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން ޤާއިމުކުރެއްވުމާއެކު ސިވިލްކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ޝަރީޢަތުން ބޭރުގައި ޙައްލުކުރެވިދާނެ ކަމަށް ބެލެވޭ މައްސަލަތައް ފުރަތަމަ ބައްލަވާނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުންނެވެ. މިޑިވިޜަނުން ކުރައްވާ މަސައްކަތަކީ ޝަރުޢީ މަރުޙަލާއަކަށް ދިއުމަކާ ނުލައި، މައްސަލައިގައި ހިމެނޭ ޚަސްމުން ވާހަކަދައްކައިގެން މައްސަލައަށް ޙައްލެއް ހޯއްދެވޭތޯ ބެއްލެވުމެވެ. ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަސައްކަތް ކުރިއަށް ގެންދަވާނީ ފަނޑިޔާރެއްގެ ޙާޟިރުގައި، ފަނޑިޔާރެއްގެ ބެއްލެވުމުގެ ދަށުންނެވެ. ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ޝަރުޢީ މަރުޙަލާ ފަށްޓަވާނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުގައި ޚަސްމުންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމައެވެ.

ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތިންބައިކުޅަ ދެބައި މައްސަލަ ފުރަތަމަ ފޮނުއްވަނީ ދެފަރާތުން އެއްބަސްވާ ޞުލްޙަވެރި ޙައްލެއް ހޯއްދެވުމަށްޓަކައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށްކަމަށް ސިވިލް ކޯޓުން ހާމަކުރައްވައެވެ.

މިއަހަރުގެ މިހާތަނަށް ސިވިލް ކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް 1259 މައްސަލަ ވަނީ ހުށައެޅިފައި. މީގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މައްސަލަ ވަނީ ޝަރުޢީ މަރުޙަލާއަކަށް ދިއުމަކާ ނުލައި ޙައްލުކުރެއްވިފައެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް އެ ޑިވިޜަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 47.74 އިންސައްތަ މައްސަލައަށް ސުލްޙަވެރި ޙައްލެއް ލިބިފައިވާކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ރާއްޖޭގެ ޝަރުޢީ ދާއިރާގައި އަލަށް ތަޢާރަފް ކުރެއްވި ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމު ކާމިޔާބުކަން އަންގައިދޭކަމެއް ކަމަށް ސިވިލްކޯޓުން ފާހަގަކުރައްވައެވެ. އަދި އަމާޒަކީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ޙައްލުވާ މައްސަލަތަކުގެ ޢަދަދު އިތުރުކުރެއްވުން ކަމަށް އެކޯޓުން ވިދާޅުވެއެވެ.

ސިވިލްކޯޓުން ލަނޑުދަނޑިތަކެއް ކަނޑައަޅުއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ޙާޞިލްކުރައްވާފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ތިންމަސްދުވަހަށް ކަނޑައެޅުއްވި އަމާޒަށް ވާޞިލްވެވި، މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މިއަހަރުގެ ފަހު 3 މަސްދުވަހަށް ކަނޑައެޅުއްވި އަމާޒުތަކެވެ. އެގޮތުން މިހާރު އެކޯޓްގައި ހުރި ގިނަދުވަސްވީ ހުރިހާ މައްސަލަތައް ވަނީ ނިންމަވާފައެވެ.

ސިވިލްކޯޓުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަކީ އެކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް ޢަޒުމެއްގައި މުރާލިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ. އަދި އެކޯޓްގެ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުން ދެއްވާ އެއްބާރުލެއްވުމާއި ބަހައްޓަވާ ގާތްކަމަކީ މިއަމާޒަށް ވާޞިލުވެވަޑައިގަތުމަށް ލިބޭ އިތުރު ހިއްވަރަކާއި ކުރިއެރުމެއް ކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ.