ތަޢުލީމު

މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


މުދައްރިސުންގެ ދުވަސް މާލެއާ އަތޮޅުތެރޭގެ ގިނަ ސްކޫލްތަކެއްގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ދުވަހާ ގުޅުވައިގެން ގިނަ ސްކޫލްތަކުގައި ވަނީ ތަފާތު ޙަރަކާތްތައް ހިންގަވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަމުން ގެންދަނީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މުދައްރިސުން ކޮށްދެއްވާ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސްކޫލްތަކުންނާއި ބެލެެނިވެރިން ގުޅިގެން ކޮންމެ އަހަރަކުވެސް ތަފާތު ޙަރަކާތްތައް ކުރިއަށްގެންދަވައެވެ. އެގޮތުން މި ހަފްތާގެ އެކި ދުވަސްތަކުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރެއްވުމަށް ސްކޫލްތަކުން ވަނީ ފަށްޓަވާފައެވެ.

މާލެއާއި އަތޮޅުތެރޭގެ ގިނަ ސްކޫލްތަކެއްގައި ދުވަހާ ގުޅުވައިގެން ތަފާތު ޙަރަކާތްތަކެއް ގެންދަވަނީ ހިންގަވަމުންނެވެ.

މި ދުވަސްވަރަކީ އޯލެވެލް އަދި އޭލެވެލް އިމްތިޙާނު ކުރިޔަށްދާ ދުވަސްވަރުކަމަށްވެފައި އިމްތިޙާނުހަދާ ދަރިވަރުންނަށް ސަމާލުކަން އިތުރުކުރަންޖެހިފައިވުމާއެކު ބައެއް ސްކޫލްތަކުން މުދައްރިސުންގެ ދުވަސް ފާހަގަކުރެއްވުމަށްވުރެ ބޮޑަށް އިސްކަންދެއްވާފައިވަނި އިމްތިޙާނަށެވެ. ބައެއް ސްކޫލުތަކުން ކުރިން މިދުވަސް ފާހަގަކޮށްފައިވާއިރު ބައެއް ސްކޫލްތަކުން މި ދުވަހުގެ ޙަރަކާތްތައް ވަނީ ފަސްކުރައްވާފައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރައްވަނީ މުދައްރިސުން ދަރިވަރުންނަށްޓަކައި ކޮށްދެއްވާ ބުރަ އަދި އޯގަތެރި މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، މުދައްރިސުންނަށް ހިއްވަރު ދެއްވުމަށެވެ. އެހެންކަމުން މިކަމަށް ބާރުލިބޭފަދަ ތަފާތު ޙަރަކާތްތައް މި މުނާސަބަތުގައި ހިންގަވައެވެ. މުދައްރިސުންނާމެދު ދަރިވަރުންނާއި ބެލެނިވެރިންގެ ޝުކުރުގެ ޝުޢޫރުތައް މި ޙަރަކާތްތަކުގައި އަންނަނީ ފާޅުކުރަމުންނެވެ. ގިނަ ސްކޫލްތަކުގެ ދަންފަޅިފަށާ އެސެމްބްލީ ޚާއްޞަކުރީ މުދައްރިސުންގެ ދުވަހަށެވެ. އަދި ބައެއް ސްކޫލްތަކުގައި މި ދުވަހަށް ޚާއްޞަ އެސެމްބްލީ ބޭއްވެވިއެވެ.

ސްކޫލްތަކުން މިދުވަސް ފާހަގަކުރެއްވުމަށް ހިންގެވި ޙަރަކާތްތަކުގެ ތެރޭގައި، ދުވަހާގުޅޭ ޚާއްޞަ އެސެމްބްލީގެ އިތުރުން، ދަރިވަރުންނާއެކު ޓީޗަރުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމާއި، ޓީޗާރސް ޑޭ ބްރޭކްފަސްޓް ބޭއްވެވުން ހިމެނެއެވެ. އަދި މުދައްރިސުންނަށް ހަދިޔާދިނުމާއި ސްކޫލް ނިޒާމްގައި ކިޔަމުން އަންނަ ކުނުޅެދުންތެރިކަމާއި ޚާއްޞަ އެހީތެރިގޮތްތައް ބޭނުންކުރައްވައިގެން ކިޔަވައިދެއްވާ ދަރިވަރުންނަށް ބައިވެރިވެވޭ ޙަރަކާތްތައްވެސް ބައެއް ސްކޫލްތަކާއި ކުލާސްތަކުގައި ވަނީ ހިންގަވާފައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ޕީއެސްއެމްނިއުސްއާ ވާހަކަދެއްކި ބައެއް ޓީޗަރުން ބުނީ، އެމީހުންގެ ޚިދުމަތުގެ އަގުވަޒަންކުރަން މިފަދަ ދުވަހެއް ފާހަގަކުރާތީ އުފާވާ ކަމަށެވެ. އަދި ޚާއްޞަކޮށް ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އެމީހުން ފާހަގަކޮށްފައިވެއެވެ.

ޓީޗަރުންގެ ދުވަހަކީ މާލޭގެ ސްކޫލްތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގެ ސްކޫލްތަކުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމަށް އެކި ސްކޫލްތަކުން ހިންގަވާ ޙަރަކާތްތައް ތަފާތުވިނަމަވެސް ބޮޑަށް މި ޙަރަކާތްތައް ބިނާކުރެވެނީ މުދައްރިސުންނަށްވުރެ ބޮޑަށް ދަރިވަރުންނާއި މެނޭޖްމަންޓާއި ބެލެނިވެރިންގެ އިސް ނެގުން ބޮޑު ޙަރަކާތެއްގެ ގޮތުގައެވެ.