ތަޢުލީމު

މުދައްރިސުން ޤަދަރުވެރި ބަޔަކަށް ހެއްދެވުން


މުދައްރިސުންގެ ހައިބަތާއި ޤަދަރު އުފުލައިދިނުމުގެ ސިޔާސަތުގެ ދަށުން ތިން އަހަރުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައި ހެޔޮ ބަދަލުތައް ގެންނަވާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެޑިއުކޭޝަން މިނިސްޓަރގެ މެސެޖްގައި، މުދައްރިސުންގެ ހައިބަތާއި ޤަދަރު އުފަލައިދުނުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މުހިންމު ވަޢުދެއް ކަމަށް ބަޔާންކުރައްވައި، އެލަނޑުދަނޑި ކާމިޔާބުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ހެޔޮބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު ސްކޫލްތަކުގެ ދާއިމީ ވަޒީފާތަކުގައި ތިއްބެވި ހުރިހާ މުދައްރިސުންނަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމް ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންކަން އުފަލާއެކު ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރގެ ތަހުނިޔާގެ މެސެޖުގައި، މިހާރު ކުރިއަށްދާ 3000 މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމާއެކު ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މުދައްރިސުންނަކީ ދަށްވެގެން ޑިގްރީ ފެންވަރަށް ތަޢުލީމް ޙާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންކަމުގައި ޔަޤީންކުރެވިގެންދާނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. މިނިސްޓަރގެ މެސެޖު ނިންމަވާލައްވަމުން، އުނގަންނަވައިދެއްވުމުގެ ޒިންމާދާރު އަދި އެހާމެ ބުރަ މަސައްކަތުގައި ކޮންމެ ދުވަހަކު ވަރުބަލިކަމެއް ނެތި އުފުލާއެކު ޚިދުމަތްކުރައްވާ އެންމެހާ މުދައްރިސުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރައްވާކަމަށް ބަޔާންކުރައްވާފައިވެއެވެ.