ޚަބަރު

"ރާއްޖެއަށް އެހީވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ދެމިއޮންނާނެ"


ރާއްޖެއަށް މުހިންމު ކޮންމެ ރޮނގަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަޢޫދީ ޢަރަބިއްޔާއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން އެޤައުމުގެ ވަލީ ޢަހުދުގެ ނާއިބު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޔާމީން މިއަދު ހެނދުނު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދުގެ ނާއިބު އަދި ބޮޑު ވަޒީރުގެ ނާއިބު، އަދި ޑިފެންސް މިނިސްޓަރ، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމުގައާއި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ ދުނިޔޭގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ސަރަޙައްދީ ތަރައްޤީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ޤައުމުކަން ފާހަގަކުރައްވާ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ވަލީ ޢަހުދުގެ ނާއިބު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ރާއްވަވާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވަލީޢަހުދުގެ ނައިބާއި ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ސަރަޙައްދީ ތަރައްޤީއާއި، ސަލާމަތީ ކަންކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭގޮތުންވެސް ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބާއި މަޝްވަރާކުރައްވާފައެވެ.