"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، ކ.އަތޮޅު މަދަރުސާ ކުޅުނު ތިންވަނަ މެޗު، ހަނި ތަފާތަކުން ކާމިޔާބުކޮށްފިއެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ޞަލާހުއްދީން ސްކޫލާ ބައްދަލުކުރި މެޗު ކ.އަތޮޅު މަދަރުސާއިން ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއިންނެވެ.
ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ކ. އަތޮޅު މަދަރުސާއިން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކޮށް، ލީޑުނަގާފައި ވަނީ ދެވަނަ ހާފުގައި، މެޗުގެ 37 ވަނަ މިނެޓުގައެވެ. މިއީ، އެޓީމަށް ލިބުނު ކޯނަރަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލާއެކު، ޞަލާޙުއްދީން ޓީމުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ކ. އަތޮޅު މަދަރުސާގެ ގޯލަށް ފުލުފުގައި ނުރައްކާތެރި ހަމަލާތެކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު، ކ.އަތޮޅު މަދަރުސާ މުބާރާތުގައި ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުގެ އުންމީދު މިވަނީ އާވެފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކ.އަތޮޅު މަދަރުސާއަށް ބާކީ އޮތީ، މިމަހުގެ 13 ވަނަ ދުވަހު ގުރައދޫ ސްކޫލާ ދެކޮޅަށް ނުކުންނަ މެޗެވެ.