ތަޢުލީމު

ހަތްހާހަށްވުރެ ގިނަ މުދައްރިސުން ޤައުމީ ޚިދުމަތުގައި


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ.

މުދައްރިސުންނަކީ މުޖުތަމަޢުގައި ޢަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ބަޔަކަށް ހައްދަވައިދިނުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ދަނީ ރޭވުންތެރިކަމާއެކު މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން ސަރުކާރުން މިހާރު އަމާޒު ހިފާފައިވާނީ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ދަށްވެގެން ޑިގްރީ ފެންވަރަށް ޓީޗަރުން ގެނައުމަށެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި 7000 ހަށްވުރެ ގިނަ ޓީޗަރުން ޚިދުމަތުގައި އެބަތިއްބެވެ.

މުދައްރިސުންނަކީ ޤައުމުގައި ޢިލްމު އުނގެނިގެން ތިބި ތަޢުލީމީ ޖީލެއް ބިނާކުރުުގައި އެންމެ މުޙިންމު އެއް މަސްޢޫލިތުތައް ވަރުބަލިކަމެއް ނެތި އަދާކުރަމުން އަންނަ ބައެކެވެ. އެމީހުންގެ ޚިދުމަތަކީ އަގުނުކުރެވޭ ފަދަ ޚިދުމަތެކެވެ. އެހެންކަމުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާ ހިތްވަރު ދެއްވުމެވެ. 

ރާއްޖޭގެ 212 ސްކޫލެއްގައި 7737 ( ހަތްހާސް ހަތްސަތޭކަ ތިރީސް ހަތް ) ޓީޗަރުން އެބަތިއްބެވެ. އޭގެ ތެރޭގައި 5648 (ފަސްހާސް ހަސަތޭކަ ސާޅީސް އަށް ) ދިވެހި ޓީޗަރުންނާއި، 2089 (ދެހާސް އަަށްޑިހަ ނުވަ) ބިދޭސީ ޓީޗަރުން ހިމެނެއެވެ. ބިދޭސީ ޓީޗަރުން އެންމެ ގިނައިން ރާއްޖޭގައި ކިޔަވައިދެއްވަނީ އިނގިރޭސި މާއްދާއެވެ.

ޓީޗަރުންގެ ކުރިއެރުމަށް ސަރުކާރުން އެޅުއްވި މުޙިންމު ފިޔަވަޅުތަކުގެ ތެރޭގައި، ތަޢުލީމީ ގޮތުން މަތީ ލެެވެލް ތަކަށް ވަޑައިގަތުމުން މުދައްރިސުންނަށް މުސާރައާއި އެލަވަންސެއްގެ ކުރިއެރުންތަކެއް ލިބިގެންދާ ގޮތަށް އޮނިގަނޑު ބަދަލުކުރައްވާއިކަން ފާހަގަކޮށްލެވެއެވެ. މުދައްރިސުންގެ މުސާރައިގެ އޮނިގަޑު ރިވައިސްކުރައްވާފައިވަނީ، މުދައްރިސުންގެ ތަޢުލީމީ ފެންވަރު މަތިކޮށް އެއްލެވެލްއިން އަނެއް ލެެވެލަށް ތަޢުލީމީ ފެންވަރު ބަދަލުކުރައްވައި، ޑިޕްލޮމާއިން ޑީގްރީ އަދި މާސްޓާރސް ލެވެލަށް ވަޑައިގަތުމަށްވެސް ވަރަށް ބޮޑަށް ހިތްވަރު ލިބޭ ގޮތަށެވެ.

މުދައްރިސުންނަކީ މުޖުތަމަޢުގައި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ބަޔަކަށް ހަދައިދިނުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މުޙިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢަކީ، ސްކޫލްތަކުގައި ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރެއްވުމަށް ހިންގެވި މަޝްރޫޢެވެ. އެމަޝްރޫޢު ކާމިޔާބުކަމާއެކު ނިންމަވާލައްވާފާއިރު، މިހާރު ރާއްޖޭގެ ސްކޫލްތަކުގައި ޑިޕްލޮމާ ފެންވަރަށް ސަނަދު ޙާސިލްނުކޮށް ހުރި ޓީޗަރަކު ނެތެވެ. ސަރުކާރުން ފެށްޓެވި ކާމިޔާބު  މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ތެރެއިން 3008 ޓީޗަރުންނަކީ ޑިޕްލޮމާ ފެންވަރަށް ތަޢުލީމް ޙާސިލްކޮށްގެން ތިއްބެވި ޓީޗަރުންނެވެ. އެހެންކަމުން މިއީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެއްވުމަށް ސަރުކާރުން އެޅުއްވި މުޙިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ސްކޫލް މަދަރުސާތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދައިދީ، އުނގެނުމާއި އުނގަންނައި ދިނުމުގެ ފެންވަރު މަތިކޮށް، ސްކޫލްކުގެ ހިންގުން ހަރުދަނާކޮށް ދިވެހި ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތު ދިވެހިންގެ އަތްމަތީ ބޭއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުންކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ޑިގްރީ ފެންވަރަށް ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށް ހެއްދުވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ބޮޑު މަޝްރޫޢެއް ފަށްޓަވާފައެވެ. މީގެ މައިގަނޑު ބޭނުމަކީ، ރާއްޖެއިން ބޭރުން ގެނެވޭ ޓީޗަރުންގެ އަދަދު މަދުކުރުމާއި އަދި ސްކޫލްތަކުގައި ޚިދުމަތް ކުރަން ނޭނގޭ ޓީޗަރުންގެ ފެންވަރު ޑިގްރީ ފެންވަރަށް މުސްތަޤްބަލުގައި މަތިވެގެންދާއިރު މިހާރު ޚިދުމަތުގައި ތިބި ޓީޗަރުން ބާކީވެގެންނުދާނެ ފަދައިން އެފަރާތްތަކަށް ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. 

އިސްލާމް މާއްދާއާއި، ޤުރުއާން ކިޔަވައިދޭ 5000 މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށްޓަވާފައެވެ. މިދެންނެވި ޑިގްރީ ޕްރޮގްރާމް ތަންފީޒުކުރެއްވުމުގެ ގޮތުން މިއަހަރު ވަނީ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި ޕްރޮގްރާމަކީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން، ސީދާ ވަކިވަކި ރަށްތަކަށް ބޭނުންވާ ތީޗަރުން ތައްޔާރުކުރެއްވުމަށްޓަކައި ޚާއްސަ އިންތިޒާމުތަކެއްގެ ދަށުން ރޭވިގެން ކުރިއަށް ގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ތިއްބެވި ޓީޗަރުންގެ 1813 ޓީޗަރުންނަކީ ޑިގްރީ ފެންވަރަށް ތަޢުލީމް ޙާސިލްކޮށްގެން ތިއްބެވި ޓީޗަރުންނެވެ. ތަޢުލީމީ ދާއިރާގައި މުޅިއެކު ސްކޫލްތަކުގައި ޓީޗަރުންނާއި އިދާރީ މުވައްޒަފުންގެ ގޮތުގައި 9831 މުވައްޒަފަކު ޙަރަކާތްތެރިވަމުން ގެންދެއެވެ.