ކުޅިވަރު

މިހާތަނަށް ފައިނަލް ކުރެވުނީ އަށް ކުޅުންތެރިން: އޮސްޓްރޭލިޔާ ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދާ އޮސްޓްރޭލިޔާ ޓީމުން މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައިވަނީ އެންމެ އަށް ކުޅުންތެރިން ކަމަށް ކޯޗު ޓޯނީ ޕޮޕޮވިޗް ބުނެފި އެވެ.

އޭނާ މިހެން ބުނީ އޮސްޓްރޭލިޔާގެ ތައްޔާރުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ކޯޗު ބުނީ އޮސްޓްރޭލިޔާ ޓީމު އެމެރިކާގައި ކޭމްޕް ކުރާނީ މިހަފުތާގަ އެވެ. އަދި ޓީމު އެއްކޮށް ފައިނަލް ކުރާނީ ހަފުތާއެއްގެ ހާއްސަ ކޭމްޕަކަށް ފަހު ކަމަށެވެ.

"އަހަރުމެން ވަރަށް ގިނަ ކުޅުންތެރިން ބަލަން އެބަޖެހޭ. ވަރަށް ގިނަ ލީގުތައް ކުރިއަށް އެބަޖެހޭ. އަހަރުމެން ވޯލްޑް ކަޕަށް ގެންދަން ޖެހޭނީ އެންމެ މޮޅު ކުޅުންތެރިން. އެހެންވީމާ އަހަރުމެން ބާއްވާ ކޭމްޕަކީ ވަރަށް މުހިންމު ކަމަކަށްވާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އެމެރިކާ އާއި ޕެރަގުއޭ އާއި ތުރުކީއާ ދެކޮޅަށް ކުޅޭ ޓީމުގެ އުއްމީދަކީ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދުން ކަމަށެވެ.

"އަހަރުމެންގެ ޓާގެޓްތަކެއް އެބަހުރި. އެހެންވީމާ އެމެރިކާހެ މާހައުލަށް ވެސް ހޭނެން އެބަޖެހޭ. އަހަރުމެން މިދަނީ މިކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،" ކޯޗު ބުންޏެވެ.

އޮސްޓްރޭލިޔާ އަށް މިހާތަނަށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖާގަ ލިބުނީ 2006ގައި އެކަންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ގައުމު މުބާރާތުގައި ވާދަ ކުރާނެ އެވެ.