ސިއްހަތު

"ޒިކާ ވައިރަސްއާ ގުޅިގެން ކަންބޮޑުވާ ޙާލަތަކަށް ރާއްޖެ ނުދޭ"


ޒިކާ ވައިރަސްއާ ގުޅިގެން ދިވެހިން ކަންބޮޑުވާ ޙާލަތަކަށް ރާއްޖެ ނުދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގޭ ޞިއްޙަތު ޖަމްއިއްޔާގެ، އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންގެ ރާއްޖޭގެ ކޮމިޓީގެ ފަރާތުން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވެވި، ބައްދަލުވުމާ ބެހޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަ ދައްކަވަމުން، ޑައިރެކްޓަރ ޖެނެރަލް ހެލްތު ސަރވިސް، ޑރ ޝީޒާ ޢަލީ ވިދާޅުވީ، މިއަދު ބޭއްވެވި ބައްދަލުވުމަކީ އައި.އެޗް.އާރްގައި ހިމެނޭ މެމްބަރުންނަށް ރާއްޖޭގައި ޒިކާގެ ވައިރަސްގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު އެރުވުމަށާއި، އަދި ކަމާގުޅުން ހުރި ދާއިރާތަކުން މިކަމާގުޅޭ މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

ޑރ. ޝީޒާ ވިދާޅުވީ، ރާއްޖެއިން ޒިކާ ވައިރަސްގެ 3 ކޭހެއް ފެނުނުކަމަށް ރިޕޯޓް ކުރިނަމަވެސް، މި 3 މީހުންނަކީވެސް ބިދޭސީން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް، ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިނުވި ނަމަވެސް، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މި ބަލި ފަތުރާ އީޑީސް މަދިރި އުޅޭތީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުޞަތު ނެތޭ ވިދާޅުވެވެން ނެތް ކަމަށެވެ.

ޑރ. ޝީޒާ ވިދާޅުވީ، ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ދިވެއްސަކު ޒިކާއަށް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި، ރާއްޖެއައި 3 ބިދޭސީއެއްގެ ހަށިގަނޑުގައި ޒިކާ ވައިރަސް ހުރިކަން އެނގުމާ ގުޅިގެން، އެއަށްފަހު ހެދި އެއްވެސް ޓެސްޓަކުންވެސް ދިވެއްސެއްގެ ހަށިގަނޑުން މިބަލި ފެނިފައި ނެތުމުން، ޢާއްމުން ޒިކާއާމެދު ކަންބޮޑުވާ ޙާލަތަށް އަދި ނުދާ ކަމަށެވެ.

އައި.ޖީ.އެމް.އެޗާއި އޭޑީކޭގައިވެސް މިހާރު ޒިކާއަށް ޓެސްޓްކުރެވޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.