"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި، ކ.އަތޮޅު މަދަރުސާގެ މައްޗަށް ޖަމާލުއްދީން ސްކޫލުން ކުރިހޯދައިފިއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗުން ޖަމާލުއްދީން މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.
ޖަމާލުއްދީން ސްކޫލުގެ ދެ ގޯލުވެސް ޖަހާފައިވަނީ ލިބުނު ދެ ކޯނަރުންނެވެ. އެގޮތުން، ފުރަތަމަ ގޯލު ފެނިގެންދިޔައީ މެޗުގެ 10 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވަނީ ދެ ގޯލު ނަމަވެސް، އިތުރު ގޯލުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް، ދެޓީމަށްވެސް ލިބުނެވެ.
މެޗުގެ ދެވަނަ ހާފުވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދެ ޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާ، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ގޯލެއް ފެނިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު، ކުޅުނު ދެ މެޗުން މި ދެޓީމަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ ކ.އަތޮޅު މަދަރުސާއެވެ. ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، މިގްރޫޕުގެ އެއްވަނައިގައި ގުރައިދޫ ސްކޫލް އޮތްއިރު، ތިން މެޗުންވެސް ބަލިވެ، ގެއްލުން 11 ގޯލާއެކު ގްރޫޕްގެ ފުލުގައި އޮތީ ޢަރަބިއްޔާ ސްކޫލެވެ.