އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ސައުތު ލީގުގައި ޒޯން 2 ގެ ޗެމްޕިއަން، ގދ. ގައްދޫ އާއި ޒޯން 1 ގެ ޗެމްޕިއަން ލ. ގަން ބައްދަލުކުރި މެޗު، 1-0 ގެ ނަތީޖާއިން ގައްދޫ ކާމިޔާބުކޮށްފިއެވެ.
ލ. ގަމުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައި ވަނީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައެވެ. މިއީ، ގައްދޫއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
މުޅި މެޗުވެސް ފެނިގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކޮށެވެ. ގިނަ ގޯލުތަކެއް ނުފެނުނު ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނެވެ.
ސައުތު ލީގުގައި، މި ދެ ޓީމުގެ އިތުރަށް ދެން ހިމެނެނީ ޒޯން 1 ގެ ރަނަރ-އަޕް، ލ. ކުނަހަންދޫގެ އިތުރުން ޒޯން 2 ގެ ރަނަރ-އަޕް، ސ. ފޭދޫއެވެ. މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ހޯމް-އަވޭ ފޯމެޓަށް، ކޮންމެ ޓީމަކާވެސް ދެފަހަރަށް ބައްދަލުކުރާނެއެވެ.