ޚަބަރު

ސަޢޫދީ އިސްލާމިކް މިނިސްޓަރާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒް އައްޝައިޚާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ސަޢޫދީ ވެރިރަށް ރިޔާދުގައި އެ މަނިކުފާނު ހުންނަވާ ކިންގ ސަޢުދް ގެސްޓް ޕެލެސްގައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިތުރަށް ތަރައްޤީކުރުމަށް ސަޢޫދީ ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމަށެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އަޚުވަންތަ ގުޅުން ދަމަހައްޓާ، އިތުރަށް ވަރުގަދަ ކުރެއްވުމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަޢޫދީ އިސްލާމިކް މިނިސްޓަރ ޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒް އައްޝައިޚްވަނީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިތުރަށް ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ސަޢޫދީ ސަރުކާރުން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. މި ގޮތުން، އިސްލާމިކް ޔުނިވަރސިޓީއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރުމަށް ޝައުޤުވެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއިމެދުވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.