"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޢަރަބިއްޔާ ސްކޫލް ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، އެޓީމު މުބާރާތުން ކަޓައިފިއެވެ. ހުޅުމާޅޭ ސިންތެޓިކް ޓްރެކުގައި ގުރައިދޫ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއިންނެވެ.
އެޓީމުގެ ފުރަތަމަ ދެ މެޗާ ބަލާއިރު ރަނގަޅު ކުޅުމެއް ފެނުނު މިމެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ، މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ގުރައިދޫ ޓީމުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ދެހާފުގައިވެސް ގުރައިދޫ ޓީމަށް ލިބުނު ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
މެޗުގެ ފޯރި ހިލިގަތީ ދެވަނަ ހާފުގެ ކުޅުންވެސް ނިމިގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ކުޅުންތެރިއެއް ފޮނުވާލި ހަމަލާއެއް، ގުރައިދޫ ސްކޫލް ކުޅުންތެރިއެއް ފައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ. އެހިސާބުން ޢަރަބިއްޔާ ޓީމަށް މުބާރާތުގައި ޕޮއިންޓެއް ލިބުމުގެ އުންމީދުގައި ތިއްބައި، ގުރައިދޫ ޓީމުން ވަނީ ދެވަނަ ގޯލަކާއެކު މެޗު ނިންމާލާފައެވެ.
މި ނަތީޖާއާއެކު، ޢަރަބިއްޔާ ސްކޫލް ކޮޅަށް މުބާރާތުގައި ވަތް ގޯލުގެ އަދަދު މިވަނީ 12 އަށް އަރާފައެވެ.
ގުރައިދޫ ސްކޫލަށް ބަލާއިރު، އެޓީމުން މުބާރާތުގައި ކުޅުނު ދެ މެޗުވެސް މިވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ޖަމާލުއްދީން ސްކޫލް އަތުން އެޓީމު މޮޅުވެފައި ވަނީ 0-3 ގެ ނަތީޖާއިންނެވެ.
މި ދެ ޓީމު ހިމެނެނީ މުބާރާތުގައި، 5 ޓީމު ހިމެނޭ ހަމައެކަނި ގްރޫޕް ކަމަށްވާ، ގްރޫޕް 6 ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ، ޖަމާލުއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް އަދި ކ. އަތޮޅު މަދަރުސާއެވެ.