އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ނޯތު ލީގުގައި ހދ. ހަނިމާދޫ އަދި ނ. މަނަދޫ ބައްދަލުކުރި މެޗު، 0-5 ގެ ނަތީޖާއިން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.
މެޗުގައި ހަނިމާދޫއިން ކާމިޔާބުކުރި 5 ގޯލުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ހަނިމާދޫގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައެވެ. އެ ޓީމަށް މި ދެ ގޯލު ކާމިޔާބުކޮށްދީފައި ވަނީ، ސާލިމް މުޙައްމަދު، އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނާޢިލް ޔޫސުފެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އެޓީމުގެ 3 ވަނަ ގޯލު، ޝިފާން ޙަސަން ކާމިޔާބުކޮށްދީފައި ވާއިރު، މެޗުގެ 82 ވަނަ މިނެޓުގައި ހަނިމާދުގެ ފަހު ދެ ގޯލުވެސް ކާމިޔާބުކޮށްދީފައި ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އާސިފް ސަލީމެވެ. އޭނާގެ ފުރަތަމަ ގޯލު، މެޗުގެ 68 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، ދެވަނަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ.
މި ނަތީޖާ ވެގެންދާނީ ހަނިމާދޫއިން ދިވެހި ޕްރެމިއަރ ލީގުގައި ކުޅުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބޭނެ އިތުރު ހިތްވަރަކަށެވެ. ނޯތު ލީގުގައި ހަނިމާދޫ އަދި މަނަދޫގެ އިތުރުން ދެން ހިމެނެނީ ބ. އޭދަފުށި އަދި ހއ. ދިއްދޫއެވެ. އެ ދެޓީމު ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު، 16:00 ގައެވެ.
މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ހޯމް-އަވޭ ފޯމެޓަށް، ކޮންމެ ޓީމަކާވެސް ދެފަހަރަށް ބައްދަލުކުރާނެއެވެ. މަނަދޫ ދަނޑުގައި މި ދެޓީމު ބައްދަލުކުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.