އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް މޮޅުވެ ތާވަލުގެ ހަވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން ބްރެންޓްފޯޑް މޮޅުވެފައިވާއިރު ރެލިގޭޝަނުގެ ބިރު ހީވެފައިވާ ވެސްޓްހޭމް ޔުނައިޓެޑަށް ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ތާވަލުގެ 17 ވަނައިގައި އޮތް ވެސްޓްހޭމް އަށް 35 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ ޓޮޓްނަމް ހޮޓްސްޕަރ އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގަ އެވެ. އެހެންކަމުން ޓޮޓްނަމް މި ހަފްތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ ވެސްޓްހޭމް ރެލިގޭޝަން ޒޯނަށް ވެއްޓޭނެ އެވެ.
މި މެޗުން މޮޅުވި ބްރެންޓްފޯޑަށް ވަނީ 35 މެޗުން ޖުމްލަ 51 ޕޮއިންޓާއެކު ތާވަލުގެ 6 ވަނަ މަގާމް ލިބިފަ އެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 15 ވަނަ މިނިޓުގައި ވެސްޓްހޭމްގެ މަވްރޮޕަނޮސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފޯޑް އިން ވަނީ އެ ޓީމުން ކުޅުން އިތުރަށް ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބްރެންޓްފޯޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް މިކޭލް ޑެމްސްގާޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.