ޚަބަރު

އަހަރުގެ ފުރަތަމަ 4 މަސްދުވަހު 1064 އެކްސިޑެންޓު


  • ވައްކަމުގެ 1077 މައްސަލަ ރިޕޯޓުކޮށްފައިވޭ

  • މަސްތުވާތަކެތީގެ 634 މައްސަލަ ރިޕޯޓުކޮށްފައިވޭ

އަހަރުގެ މިހާތަނަށް 1064 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ. އެގޮތުން، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 3899 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 1077 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެކްސިޑެންޓުތަކުގެ 1064 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މަސްތުވާތަކެތީގެ 634 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖަނަވަރީމަހުއެވެ. އެމަހު 1106 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ފުލުހުންގެ ތަފާސްހިސާބު:

ފެބްރުވަރީ: 953 މައްސަލަ
މާރިޗު: 966 މައްސަލަ
އެޕްރީލް: 874 މައްސަލަ

މި މުޖުތަމަޢުގައި ހިނގާ އެކްސިޑެންޓުތަކާއި، ވައްކަމުގެ މައްސަލަތަކާއި އަދި މިނޫންވެސް އެހެނިހެން މައްސަލަތައް މަދުކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.

ޚާއްސަކޮށް އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ދުއްވާ ފަރާތްތަކާއި މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ސަމާލުވުމަށާއި، ދުވެލި މަޑުކުރުމަށް ފުލުހުން ދަނީ ނަސޭހަތްތެރިވަމުންނެވެ.