ޚަބަރު

ސަޢޫދީގެ ޓެރަރިޒަމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ އެއްބާރުލުން


ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން ގެންގުޅޭ ސިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ބަޔާންކުރެއްވީ ދިވެހި ސަރުކާރާއި، ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓެރެރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ނުރައްކަލާ ދެކޮޅަށް ސަޢޫދީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ދިވެހި ސަރުކާރުން ތާއީދުކުރައްވާކަމަށާއި، މިކަމުގައި ދިވެހިރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް، އެކުވެރި ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާގެ ގޮތުގައި އިތުރު 1000 ފުރުޞަތު ދެއްވާފައިވާތީ އެކަމަށްޓަކައި، ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނު ވަނީ، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި އަހަރު ރާއްޖެއަށް ޙައްޖު ކޯޓާގެ ގޮތުގައި އިތުރު ފުރުޞަތުތަކެއް ދެއްވާފައިވަނީ، މާތްވެގެންވާ ދެ ޙަރަމްގެ ބެލެނިވެރި ފަރާތުގެ ޙައިޞިއްޔަތުންކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރައްވައި، ދިވެހިރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީއާ ގުޅުންހުރި އެކި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ސަޢޫދީ ސަރުކާރާ ޙިއްޞާކުރައްވައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޮޑެތި އެހީތަކެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.