ޚަބަރު

ޕަބްލިކް ޕްރޮކިއުމަންޓުގެ ދާއިރާއިން މީހުން ބިނާކުރަނީ


ޕަބްލިކް ޕްރޮކިއުމަންޓުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެހީތެރިވެދިނުމަށް ސިވިލް ސަރވިސް އިންސްޓިޓިއުޓާއެކު ވޯރލްޑް ބޭންކް ގުރުޕޫން އެއްބަސްވެއްޖެއެވެ.

ޕްރޮކިއުމަންޓުގެ ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއެކު ވޯރލްޑް ބޭންކް އޮފް ގްރޫޕުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން މި އެއްބަސްބުމުގައި ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ފައިޒަލެވެ. އަދި ވޯރލްޑް ބޭންކް އޮފް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ސްޕެޝަލިސްޓު އާސިފް ޢަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ވާހަަކަދައްކަވަމުުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ޕްރޮކިއުމަންޓުގެ ދާއިރާއިން ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީ ފެންވަރާ ހަމައަަށް ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވޯރލްޑް ބޭންކް އޮފް ގްރޫޕްގެ ފަރާތުން މި ކޯސްތައް ހިންގަވައިދެއްވަނީ މުޅިން ހިލޭ ކަމަށް ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ. އަދި މިއީ ޕްރޮކިއުމަންޓުގެ ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަން ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ހިންގަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތައް. އަދި އޭގެ ފަށުން ޑިޕްލޮމާއިން ފެށިގެން ޕޯސްޓް ގްރެޖުއޭޓް އާ ހަމަޔަށް ކޯސްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި." ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އަންނަ ނޮވެމްބަރު މަހު ކޯސްތައް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ސެޓްފިކެޓް ލެވެލްގެ ކޯސް ހިންގެވުމަށް ހަމަޖެހިފައިވަނީ 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.