ޚަބަރު

އަބުރުގެ ޤާނޫނާއެކު އަބުރާބެހުމުގެ މައްސަލަތައް މަދުވެއްޖެ


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމާއެކު، ބްރޯޑްކާސްޓަރުން މީހުންގެ އަބުރާބެހުމުގެ މައްސަލަތައް ހުށައެޅޭ މިންވަރު މަދުވެފައިވާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ. މިއަދު ފާހަގަކުރާ ބޮރޯޑްކާސްޓިންގ ދުވަހާ ގުޅުވައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވި ގޮތުގައި މިއީ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ބޮރޯޑްކާސްޓަރުން އިތުރަށް ޒިންމާދާރުވެފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

އަބުރު ރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓްކޮށް އަދި ރީބްރޯޑްކާސްޓް ކުރާ ފަރާތްތަކަށް ޒިންމާތަކެއް މަތިކޮށްފައިވެއެވެ. އެގޮތުން މީހުންގެ އަބުރާ ކަރާމާތަށް އުނިކަން އަންނަގޮތަށް ސާބިތުނުހިފޭ ވާހަކަތައް ހިމަނައިގެން ތައްޔާރުކުރާ ކޮންޓެންޓް ބޮރޯޑްކާސްޓް ކުރުން އެ ޤާނޫނުން ވަނީ މަނާކޮށްފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ވިދާޅުވީ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެއްދެވުމާ އެކުއެކީގައި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާބެހޭ ޤާވާއިދު އިސްލާޙް ކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކުރާ ފަރާތްތައް މޮނިޓަރކުރުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބްރޯޑްކާސްޓް މެނޭޖްމެންޓް އިކްއިޕްމެންޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރައްވަމުންދާ ކަމަށް ޝަހީބު ވިދާޅުވިއެވެ. މިއާއެކު ބްރޯޑްކާސްޓިން ކޮމިޝަންގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް އެންމެ އެދެވިގެންވާ ގޮތަށް ދެވެމުން ނުދާކަން ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާހަގަކުރައްވައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ 6 ބްރޯޑްކާސްޓަރުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައިވެއެވެ. އެގޮތުން އެންމެ ގިނައިން އެކޯޑާ ޚިލާފުވެފައިވަނީ ރާއްޖެޓީވީންނެވެ.