ތަޢުލީމު

މަތީ ތަޢުލީމަށް ބޭރު ޤައުމަކުން ރާއްޖެއަށް ދިން އެންމެ ބޮޑު އެހީ


މަތީ ތަޢުލީމުގެ 300 ސްކޮލަރޝިޕްގެ ފުރުޞަތު، ރާއްޖެއަށް ދިނުމަށް ސަޢޫދީ ސަރުކާރުން ނިންމަވައިފިއެވެ. މިއީ ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް މިހާ ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު އެއްފަހަރާ ދިން ފުރަތަމަ ފަހަރެވެ.

މިކަން ހާމަކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަޙްމަދު އަލްޢީސާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި، ސަޢޫދީ އެޑިއުކޭޝަން މިނިސްޓަރ ވަނީ މި ސްކޮލަރޝިޕްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ހަލުވި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ އެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މަތީ ތަޢުލީމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ތަމްރީނުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މަތީ ތަޢުލީމުގެ 300 ސްކޮލަރޝިޕް ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.