ޚަބަރު

ހިރިޔާ ބަލިކޮށް، އަމީނިއްޔާއަށް ރަނގަޅު ފެށުމެއް


  • އަމީނިއްޔާ ސްކޫލުން މެޗު ކާމިޔާބުކޮށްފައި ވަނީ 0-2 ގެ ނަތީޖާއިން

  • ހިރިޔާ ސްކޫލް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައި

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، އަމީނިއްޔާ ސްކޫލް ކުޅުނު ފުރަތަމަ މެޗުން ހިރިޔާ ސްކޫލްގެ މައްޗަށް ކުރިހޯދައިފިއެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗު، އަމީނިއްޔާ ސްކޫލުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ ދެޓީމުން ވެސް ކުރިއަށްޖެހި، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރަމުންދިޔަ ތަނެވެ. ނަމަވެސް މެޗުގެ 9 ވަނަ މިނެޓުގައި އަމީނިއްޔާ ސްކޫލުން ލީޑު ނެގި ހިސާބުން ފެނިގެންދިޔައީ ހިރިޔާ ސްކޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އަމީނިއްޔާގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރި ތަނެވެ.

ނަތީޖާއެއްގެ ގޮތުން އެ ޓީމަށް ގިނަ ކޯނަރުތަކެއް ލިބިގެންގޮސްފައި ވެއެވެ. ނަމަވެސް ކޯނަރުތަކުގެ ބޭނުން އެހާ ރަނގަޅަށް ހިރިޔާ ޓީމަށް ހިފިފައެއް ނުވެއެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-1 ގެ ނަތީޖާއިން އަމީނިއްޔާ ސްކޫލް ކުރީގައި އޮވެގެންނެވެ.

އަމީނިއްޔާ ސްކޫލުގެ 2 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 49 ވަނަ މިނެޓުގައެވެ. ރީތި ޕާސްތަކެއް ޖަހައިގެން އަވަސް ހަމަލާއެއް އުފެއްދުމަށްފަހު ބޯޅަ ގޯލުތެރެއަށް ފޮނުވާލާފައި ވަނީ ކީޕަރު އޭރިޔާގެވެސް އެތެރެއިންނެވެ.

މެޗުގެ ފަހުވަގުތު، ހިރިހާ ސްކޫލް ޓީމުން އަނިޔާގެ ގިނަ މައްސަލަތަކެއް ފެނިގެންގޮސްފައި ވެއެވެ.

މި ނަތީޖާއާއެކު، ރެހެންދި ސްކޫލް އާއި އަމީނިއްޔާ ސްކޫލް ވަނީ ޕޮއިންޓުގެ ގޮތުންވެސް، ފައިދާ ގޯލުންވެސް އެއްވަރުވެފައެވެ. ތިންވަނައިގައި މަޖީދިއްޔާ އޮތީ، އެޓީމުން ޖެހި ގޯލާއި ބައިކޮޅަށް ވަތް ގޯލުގެ އަދަދު އެއްވަރު ވުމުންނެވެ. މިހާތަނަށް ޕޮއިންޓެއް ނުލިބި، ގްރޫޕުގެ ފުލުގައި އޮތީ ހިރިޔާ ސްކޫލެވެ.