ޚަބަރު

އަޙްމަދިއްޔާގެ މައްޗަށް ޢިމާދުއްދީން ކުރިހޯދައިފި


  • ޢިމާދުއްދީން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިން

  • މި ނަތީޖާއެކު ޢިމާދުއްދީން ވަނީ ގްރޫޕް 1 ގެ 2ވަނައަށް ޖެހިލާފައި

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޢިމާދުއްދީން ސްކޫލް ކުޅުނު ދެވަނަ މެޗުގައި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށް، އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗުން ޢިމާދުއްދީން ސްކޫލް މޮޅުވެފައި ވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ފެނިގެންގޮސްފައި ވަނީ، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ، ޢިމާދުއްދީން ކުޅުންތެރިއަކު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާތެރެއަށް ވަދެފައި ކުރިއަށްދާން އުޅުމުގެ ތެރޭގައި އަޙްމަދިއްޔާ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއިން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ.

ޢިމާދުއްދީން ސްކޫލްގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ، މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. މި ގޯލު ކާމިޔާބުކުރެވުމާ ހަމައަށް ޢިމާދުއްދީނުން އައީ ފުލުފުލުން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ.

ޢިމާދުއްދީން ސްކޫލުގެ ފަހު ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ. މެޗުގައި ޢިމާދުއްދީން ސްކޫލަށް ކާމިޔާބުކުރެވިފައި ވަނީ 3 ގޯލު ނަމަވެސް، އެ ސްކޫލުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ، ގިނަ ގޯލުތަކެއް ޖަހާނެ ފުރުސަތު ތަނަވަސްކޮށްފައެވެ.

މި ނަތީޖާއާއެކު، ގްރޫޕް 1 އެތުރިފައިވާ ގޮތަށް ބަލާއިރު، ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު 1 ވަނައިގައި އޮތީ ކަލާފާނު ސްކޫލެވެ. ގުޅީ ސްކޫލް އަދި ޢިމާދުއްދީން ސްކޫލް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި ވީނަމަވެސް، ފައިދާ ގޯލުން ކުރިލިބެނީ ޢިމާދުއްދީން ސްކޫލަށެވެ. ގްރޫޕުގެ ފުލުގައި އޮތީ އަޙްމަދިއްޔާ ސްކޫލެވެ.