ވިޔަފާރި

އުތުރާއި ދެކުނުގައި ތެޔޮ ރައްކާކުރުމަށް ފްލޯޓިންގ ސްޓޯރޭޖްތަކެއް


އެސްޓީއޯއިން އަންނަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތެޔޮރައްކާކުރާނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމަސައްކަތް ނިމެންދެން ފްލޯޓިންގ ސްޓޯރޭޖްތައް ބޭނުންކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ ރާއްޖޭ އުތުރާއި ދެކުނުގައި ބޭނުންކުރުމަށް ނިންމާފައިވާ ފްލޯޓިންގ ސްޓޯރޭޖްތަކުގައި 2000 ޓަނުގެ ތެޔޮ އެއްފަހަރާ ރައްކާކުރުމުގެ ޤާބިލްކަން ހުންނާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި ސްޓޯރޭޖްތައް ބެހެއްޓޭނެ ކަމަށާއި މި ފްލޯޓިންގް ސްޓޯރޭޖްތަކުގެ ސަބަބުން އެކުންފުނިން ތެޔޮ ގަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ޝަހީރު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ތެޔޮރައްކާކުރާ ނިޒާމްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީގެ ގަމުގައި އެސްޓީއޯގެ ތެޔޮ ރައްކާކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށާއި، އެކަމަށް ބޭނުންވާ ބިންހޯދުމާ ގުޅޭގޮތުން ވާހަކަދެކެވެމުން އަންނަ ކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި ދެކުނުގައިވެސް ތެޔޮ ރައްކާކުރާ ނިޒާމްތައް ޤާއިމްކުރުމުގެ ސަރވޭތަކެއް ކުރަމުން އަންނަކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.   

މާލެއާ އެންމެ ކައިރީގައި އޮންނަ އެސްޓީއޯއިން ތެޔޮ ރައްކާކުރާ ރަށްކަމަށްވާ ފުނަދޫގައި ހުންނަ އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ބޮޑުކުރުމަށްޓަކައި އެކުންފުނިން އަންނަނީ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އެސްޓީއޯގެ ތެޔޮ ރައްކާކުރެވޭ މިންވަރު، މި މަޝްރޫޢުގެ ދަށުން ދެގުނައަށް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، އެ މަޝްރޫއު އަންނަ އަހަރު ކުރީކޮޅު ނިމޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.