ޚަބަރު

އެތްލެޓިކޯ އިން އާސެނަލް ހިފަހައްޓައިފި


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މެޑްރިޑްގެ ރިޔާދު އެއަރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފަސްދޮޅަސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެތްލެޓިކޯ މެޑްރިޑް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އާސެނަލް އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ވިކްޓޯ ޔޯކެރެސް އަށް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޔޯކެރެސް އެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އާސެނަލްގެ ބެން ވައިޓްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އަކުން ހޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އާސެނަލް އަށް ދެވަނަ ޕެނަލްޓީ އެއް ރެފްރީ ދިން ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެތްލެޓިކޯ މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލީޑު ނެގުމަށް އެ ޓީމަށް ދެވަނަ ހާފުގައި ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެންޓޮއިން ގްރީޒްމަން ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށެވެ.

މީގެ އިތުރުންވެސް އެތްލެޓިކޯ މެޑްރިޑްގެ ލުކްމަން އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ އާސެނަލްގެ ގޯލުކީޕަރު ޑޭވިޑް ރާޔާ އަތަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.