ކޯވިޑް-19ގެ ޢާލަމީ ވަބާގެ ދުވަސްވަރު ވިލާތުގެ އެއާލައިންތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެ ދަތިތަކުން އަރައިގަތުމަށް ދުވަސްތަކެއް ނެގިއެވެ. ނަމަވެސް އަނެއްކާ ވެސް ވިލާތުގެ އެއާލައިންތަކަށް މި ވަނީ އައު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި މެދުއިރުމަތީގެ ސަރަޙައްދުތަކުން މަތިންދާބޯޓު ދަތުރުކުރާ މަގުތަކަށް ވަނީ ބުރޫ އަރައިފައެވެ. އެއާއެކު ޓިކެޓުގެ އަގު އުފުލި، ކުރިއަށް އޮތް ހޫނު މޫސުމުގައި ވިލާތުގެ ރައްޔިތުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް ދަތުރުކުރުމަށް ވެސް ދަތިތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން ޖެޓް ފިއުލްގެ އަގު ވަނީ 84 އިންސައްތައިން އުފުލިފައެވެ. ތެލުގެ އަގަށް ބަަދަލު އައި ނަމަވެސް ބައެއް އެއާލައިންތަކުން ވިއްކާ ޓިކެޓުގެ އަގަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވަނީ އެ އެއާލައިންތަކުން ތެޔޮ ވިއްކާ ސަޕްލަޔަރުންނާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ހެޔޮ އަގުގައި ތެޔޮ ލިބޭތީއެވެ. ނަމަވެސް މި މުއްދަތުތައް ހަމަވާން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ތެޔޮ ލިބުމަށް އިތުރަށް ދަތިވެ، ޚަރަދު ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ބައިނަލްްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްޢިއްޔާ، އައިއޭޓީއޭއިން ވަނީ ހަނގުރާމަ ދިގުދެމިގެންދާ ނަމަ ވިލާތާއި އޭޝިޔާގެ ސަރަޙައްދުތަކަށް ތެޔޮ ނުލިބުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ. އެ ޙާލަތުގައި އެއާލައިންތަކަށް ސަޕްލަޔަރުން ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކުރުން އެކަށީގެންވެއެވެ. ނަމަވެސް ކޯވިޑް-19ގެ ދުވަސްވަރު ޙާލަތު ގޯސްވި މިންވަރާ ގާތަށް މި ވަގުތު ޙާލަތު ގޯސްވެފައި ނުވާ ކަމަށް އައިއޭޓީއޭއިން ބުނެއެވެ. އެއީ ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑު ދަށަށް ގޮސްފައި ނުވާތީއެވެ.
ނަމަވެސް އަދިވެސް ދާއިމީ ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމް ނުކުރެވި، ހަނގުރާމައިގެ ކަންކަން ކުރިއަށްދާނެ ގޮތް ބުނަން ދަތިވެފައިިވާ މި ޙާލަތުގައި އެއާލައިންތަކުން ދަތުރުކުރާ މީހުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވާން ފަށައިފައެވެ. އެއާއެކު ދަތުރުފަތުރާ ގުޅޭ ނިންމުންތައް ނިންމުމުގައި ޚިދުމަތް ހޯދާ މީހުން ބަލާ ކަންތައްތައް ވެސް ވަނީ އިތުރުވެފައެވެ. ބުކިންގތައް ފަސްކުރަމުންދާ ފަސިންޖަރުންގެ އަދަދު އިތުރުވެފައިވާއިރު، ދުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ބަދަލުގައި ކައިރި ސަރަޙައްދުތަކަށް ދަތުރުކުރުމަށް ނިންނާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.
އެކި އެއާލައިންތަކުން މި ޙާލަތާމެދު ދެކޭ ގޮތް ތަފާތެވެ. ބައެއް އެއާލައިންތަކުން ބުނީ ސަޕްލައިއަށް އޮތް ނުރައްކާ މަޑުމަޑުން ކުޑަވަމުންދާ ކަމަށެވެ. ނަމަވެސް އަނެއްބައި އެއާލައިންތަކުން ބުނީ ދުރާލާ ހަދާ ބުކިންގތައް މަދުވެފައިވާ ކަމަށާއި ވިޔަފާރީގެ ފައިދާ ކުޑަވުމާ ގުޅޭ ކަންބޮޑުވުންތައް ގިނަ ކަމަށެވެ. ހަނގުރާމައިގެ ޙާލަތު ނިމުމަކަށް އައުމުން ވެސް މިހާރު އުފުލިފައިވާ ތެލުގެ އަގުތައް ދަށަށް ދިޔުމަށް ގިނަ ވަގުތު ނަގާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ގިނައެވެ.
ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ގަލްފުގެ އެއާލައިންތަކަށެވެ. މެދުއިރުމައްޗަށް ނިސްބަތްވާ އެއާލައިންތައް މެދުވެރިކޮށް ހަދާ ބުކިންގތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލައިއިރު މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި މެދުއިރުމަތީގެ އެއާލައިންތައް މެދުވެރިކޮށް ހަދާފައިވާ ބުކިންގތައް ވަނީ 50 އިންސައްތަ ދަށްށް ގޮސްފައެވެ. އަދި ކުއާޓާ 2އަދި 3އަކަށް ހަދާފައިވާ ބުކިންގެ ނިސްބަތް ވަނީ 43.5 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް އެ އެއާލައިންތަކުގެ ބަދަލުގައި އެހެން އެއާލައިންތައް ޚިދުމަތް ހޯދާ މީހުން ޚިޔާރުކުރަމުންދާތީ ދަތުރުކުރާ މީހުންގެ ޖުމްލަ ޢަދަދަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.