ޚަބަރު

އައިޑަލް ސީޒަން ދޭކަށް ޓީމް ބިލްޑް ކުރުމުގެ ޕްރޮގްރާމެއް


މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި ހިމެނޭ ޓީމަށް، ޓީމް ބިލްޑް ކުރުމުގެ ޓުރެއިނިންގް ޕުރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް އާ ގުޅިގެން ކުރިޔަށްގެންދާ މި ޓްރެއިނިންގް ޕުރޮގްރާމުގައި މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގައި ހިމެނޭ ޖަޖުންނާއި، ޕުރެޒެންޓަރުންނާއި އަދި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރިވެއެވެ. މީ އެއްދުވަހަށް ކުރިޔަށްގެންދާ ޕުރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ހެޑް އަޙުމަދު ނާސިރު ވިދާޅުވީ މޯލްޑިވިއަން އައިޑަލް އަކީ ބޮޑު ޝޯއަކަށްވެފައި، ނިމިދިޔަ ސީޒަންގައި ދިމާވި ބައެއްކަންތައްތަކަށް ބެލުމަށްފަހު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު ކުރިއަށްވުރެ ބޮޑަށް މުވައްޒަފުންގެ ތެރޭގައި އާލާކޮށް ކިކް ސްޓާޓް ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ޕުރޮގްރާމެއްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14755730230814.jpg|މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ހެޑް އަޙުމަދު ނާސިރު- ފޮޓޯ: ޕީއެސްއެމް

"މުޅި ޓީމް އެއްކޮށްގެން ކިކްސްޓާޓް ވުމުގެ ކުރިން ހުރިހާ މުވައްޒަފުން އެކުލަވާލައިގެން ކަންތައްތައް ދަސްކޮށްދީ ކުރީ ފަހަރު ކަންތައްތައް ވީގޮތަށް ރިއާޔަތްކޮށް، މިފަހަރުގެ ކަންތައްތައް ރާވާލާ އެންމެން އެއްކޮށް މި އިވެންޓް އެނަރޖެޓިކް ކޮށްލުމަށް ކުރިޔަށްގެންދާ ވަން ޑޭ ޓްރެއިނިންގެ އެއް" އަޙުމަދު ނާސިރު ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން 1 ގެ ކާމިޔާބީއަށްފަހު ސީޒަން 2 ފެށުމަށް ތައްޔާރުވަމުންދާއިރު، ސީޒަން 2 ގެ ޕުރެޒެންޓަރުންނާއި ޖަޖުން ވަނީ އިއުލާންކޮށްފައެވެ. އަދި ޝޯގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.