ޚަބަރު

ރާއްޖެ ޖޫނިއާ ޓީޓީ މުބާރާތުގެ ގިނަ މެޑަލްތައް އަލްސާ އާއި ހަލަފަށް


  • ހަލަފް ވަނީ 15 އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފަ

  • އަލްސާ ވަނީ 15 އަދި 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފަ

ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުންތަކުން މުޙައްމަދު ހަލަފް ރާފިޢުއާއި ޢާއިޝަތު އަލްސާ ނާފިޒު ގިނަ އިވެންޓުތަކެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ މި ދެ ކުޅުންތެރިންގެ ތެރެއިން، ހަލަފް ވަނީ 15 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. އަލްސާ ވަނީ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ.

އަދި ޚަލަފާއި އައްޔޫބް އިޒްކާން ސަލީމުގެ ޕެއާއިން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން ހަލަފާއި އުމެއިރު މުޙައްމަދު މުޢިއްޒުގެ ޕެއާއިންވަނީ 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ.

އަދި އަލްސާއާއި ޢާއިޝަތު މަލާކް ތަސީންގެ ޕެއާއިން ވަނީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން އަލްސާއާއި އާމިނާ އާޔަތު އާދަމްގެ ޕެއާއިން ވަނީ 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސާރާ މޫސާ ޖަމީލެވެ. 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދީ އަހްޔަލް ޢަލީ ނަޒީރެވެ. 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ މިޝްކާ މުހައްމަދު އިބްރާހިމެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އާލް އިމްރާނެވެ.

19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މާން އިސްމާޢީލް މުޚުތަބާ އާއި މުހައްމަދު އާލް އިމްރާންގެ ޕެއާއެވެ. 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދީ މަލާކް ބިން މުއިޒު އާއި މިންހާ މަހްޖޫބު ޝުޖާއުއެވެ.

ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް ކުރިޔަށް ގެންދިޔައީ 14-28 އޭޕްރީލަށް މާލޭ ޓީޓީ ހޯލުގައެވެ. މުޅި މުބާރާތުގައި ޖުމްލަ 17 ސުކޫލެއްގެ ދަރިވަރުން ބައިވެރިވެފައިވާއިރު ވަރަށް ފޯރިގަދަ ވާދަވެރި މެޗުތަކެއް ކުޅެފައިވެއެވެ. މުބާރާތާއި ގުޅޭގޮތުން ބައެއް ބައިވެރިން ބުނީ މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށާއި، އަންނަ އަހަރުގެ މުބާރާތަށް ކުރާ އުންމީދުތައް ބޮޑުކަމަށެވެ.