ޚަބަރު

ސަބަލެންކާ ބަލިކޮށް ބަޕްޓިސްޓޭ ފުރަތަމަ ފަހަރަށް ސެމީ އަށް


ސްޕެއިންގައި މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެމެރިކާގެ ހެއިލޭ ބަޕްޓިސްޓޭ ހޯދައިފި އެވެ.

ބަޕްޓިސްޓޭ ފުރަތަމަ ފަހަރަށް ސެމީ ފައިނަލަކުން ފުރުސަތު ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ އާއި ދެކޮޅަށް ކުއާޓަރ ފައިނަލުގައި ކުޅުނު މެޗު 2 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް ދޭއްގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ބަޕްޓިސްޓޭ ވަނީ މޮޅު ކުޅުމެއް ދައްކާ ހައެއް ދޭއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގައި 30 ވަނައަށް ސީޑު ކޮށްފައިވާ އުމުރުން 24 އަހަރުގެ ބަޕްޓިސްޓޭ މި މެޗުން މޮޅުވިއިރު މިއީ ދުނިޔޭގެ ރޭންކިންގެ ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިއެއްގެ އަތުން އޭނާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މި ސީޒަނުގައި ސަބަލެންކާ ބަލިވި ދެވަނަ މެޗެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ބަޕްޓިސްޓޭ އާއި ދެކޮޅަށް ނިކުންނާނީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި މިވަގުތު ހުރި ރަޝިޔާގެ މިރާ އެންޑްރީވާ އާއި ދެކޮޅަށެވެ. އޭނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކެނެޑާގެ ލޭލާ ފެނާންޑޭޒް ބަލިކުރުމަށްފަހުގަ އެވެ.